ކުޅިވަރު

ސިފައިން ލަދުގަންނަވާލާ، ފެނަކަ ޗެމްޕިއަންކަން ހޯދައިފި


ދިވެހި ސިފައިންގެ ކްލަބް ފައިނަލްގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، އެއިޓީން ތަރޓީ ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޓީމް ފެނަކަ ހޯދައިފިއެވެ.

ފެނަކަ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބް ކޮޅަށް އެގާރަ ލަނޑު ޖަހައިގެންނެވެ.. މިމެޗު ފެނަކަ ކާމޔާބުކުރީ 11 - 2 ނެވެ.

މިމެޗުގައި ފެނަކަ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ވަނީ ނުވަ ލަނޑު ޖަހާފައެވެ. އެއީ ޖެންޖީރާ ހަތަރު ލަނޑު، ސަސިޗާ ތިން ލަނޑު އަދި ޓިޓްލޭ ދެ ލަނޑެވެ.

މިމެޗުގައި ފެނަކަ ޓީމްގެ އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަމާ އާއި ޓީމުގެ ކެޕްޓަން ޝަހުލާއެވެ.

މެޗަށް ފަހު ފެނަކަ ޓީމުގެ ކޯޗު އަހުމަދު ބުނީ ފެނަކަ ޓީމާ ހަވާލުވީވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ކަމަށެވެ.

"މިއީ ފެނަކަ ޓީމާ އަޅުގަނޑު ހަވާލުވި ފުރަތަމަ ފަހަރު. އެންމެ ފުރަތަމަ ތައްޔާރީތައް ފެށީވެސް މުބާރާތުގެ ތަށި މިލްކުކުރަން ނިކުތް ކްލަބް އިމިގްރޭޝަން އަތުން ތަށި ހޯދާ ފެނަކަ ޓީމަށް ތަށި ހޯދައިދިނުމުގެ އަޒުމުގައި. ދެން ފެނަކަ ޓީމުން މަސައްކަތް ކުރާނީ މިމުބާރާތުގެ ތަށި މިލްކު ކުރުމަށް. މިއީ މިހާތަނަށް އެއްވެސް ޓީމަކަށް ކުރެވިފައިވާ ކަމެއް ނޫން."

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ފެނަކަ ޓީމުގެ ޖެންޖީރާ އާއި ސަސިޗާ އަދި ޝަހުލާގެ އިތުރުން ދިވެހި ސިފައިންގެ ކްލަބްގެ ރިފާ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ބިދޭސީ ކުޅުންތެރިއާ ސަބްރިތާއެވެ.

މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ފެނަކަ ޓީމުގެ ސަސިޗާއެވެ. ސަސިޗާ ވަނީ މިމުބާރާތުގައި ޖުމްލަ 27 ލަނޑު ޖަހާފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ ފެނަކަ ޓީމު ޖެންޖީރާއެވެ.

 އަދި ފެއަރ ޕްލޭ ޓިމަކަށް ހޮވުނީ ޕޮލިސް ކްލަބެވެ.