ޚަބަރު

ހުޅުމާލޭ 25 ބުރީގެ އޮފީސް ޢިމާރާތުގެ މަސައްކަތް ފަށައިފި


25 ބުރީގެ އޮފީސް އިމާރާތެއް މާލޭގައި އިމާރާތްކުރެއްވުމަށް ކުރިން ސަރުކާރުން ނިންމެވިނަމަވެސް، ފަހުން އެޚިޔާލު ބަދަލުކުރައްވާ މިހާރު 25 ބުރީގެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވަނީ ހުޅުމާލޭގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫއު ތެރޭގައި ހިމެނޭ ގޮތައް އިމާރާތްކުރާ މި އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ.

އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ މޭނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ޕައިލިންގ ޓެސްޓްތައް ނިންމައި، ލޭބަރ ކުއާރޓަރާ، އިމާރާތްކުރުމަށް ބޭނުންވާ ސާމާނުތައް މިހާރު ހުޅުމާލެއަށް ގެނެސްފައިވާކަމަށެވެ. ދެހާސް އަށާރަ ވަނަ އަހަރު މި އިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާއިރު، އެ އަމާޒަށް ވާސިލްވުމަށްޓަކައި ކޮންޓްރެކްޓަރާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށް ސައިމަން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14645108175091.jpg|އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން - ފައިލް ފޮޓޯ: ޕީއެސްއެމް

"މިހާރު ހުޅުމާލޭގައި އޮފީސް ސްޕޭސްއެއް އޮތީ ނެތިފައި. މިހާރު އެޗްޑީސީގައި ހިނގާ އިމާރާތް ނޫނިއްޔާ އޮފީސް ސްޕޭސްއެއް ނެތް އިރު، މިވަރުގެ އޮފީސް ސްޕޭސްއެއް އެއްފަހަރާ ގެނެވުމުގެ ނަތީޖާއަކަށް ވެގެން އަންނާނީ ހުޅުމާލެއަށް ސަރުކާރު ފިޔަވައި ޕްރައިވެޓް ސެކްޓަރގެ ބޮޑެތި ބޭންކްތަކާއި އަދި އިންޓަރނޭޝަނަލް އެކި އެކި ކުންފުނިތަކުގެ ޕެރެސެންސް ހުޅުމާލެއަށް ހަމަގައިމުވެސް މި އޮފީސް ޑިވެލޮޕްކޮށް ނިމޭއިރު އަންނާކަމާމެދު ޝައްކެއް ނެތް މިނިވަރަށް ޔަޤީން" ސައިމަން ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ޞަރަޙައްދުގައި ޢާއްމުން އާބާދުވާން ފަށާއިރަށް، މިއިމާރާތް މެދުވެރިކޮށް، ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުން ޢާއްމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެތަނުން ދެވޭނޭ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ލިބިގެންދާނެ ފަސޭހައެކެވެ. ޢިމާރަތް ޑިޒައިން ކޮށްފައިވަނީ، ކުރިން މާލޭގައި އިމާރާތްކުރުމަށް ކަމަށްވެފައި، ހުޅުމާލޭގައި ޢިމާރާތް ކުރަން ނިންމި ނިންމުމާއެކު، އިމާރާތަށް ބައެއް ބަދަލުތައްވަނީ ގެނެސްފައެވެ.

img:http://s4.psmnews.mv/images/660x400/14945897592915.jpg|25 ބުރީގެ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދު / ފޮޓޯ: ޕީއެސްއެމް

މި އިމާރާތަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ހުންނަ ބޮޑެތި އޮފީސް ޓަވަރގައި ހިމެނޭ ފީޗާރސްތައް ހިމެނޭ ގޮތަށް ފަރުމާކުރެވިގެން ހަދާ އިމާރާތެކެވެ. އެގޮތުން މި އިމާރާތުގެ ގިނަ ފްލޯތައް ޙާއްސަކޮށްފައިވަނީ، އޮފިސް ބޭނުންތަކަށް ބޭނުން ކުރެވޭގޮތަށް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. ފަންސަވީސް ބުރީގެ އޮފީސް ކޮމްޕްލެކްސް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއު ޒެޑް އާރު ޕްރޮޕަޓީ ސެންދްރިއަން ބަރްހާދުއާއެވެ. މިއިމާރާތަށް ގާތްގަނޑަކަށް 123 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ފިނޭންސް މިނިސްޓަރީން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި އިމާރާތްކުރާ 25 ބުރީގެ އޮފީސް އިމާރާތުގެ ސަބަބުން ހުޅުމާލޭގެ ދިރިއުޅޭ ފަރާތްތަކަށް އެތައް ގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެން އަންނާނެކަމަށް ޤަބޫލުކުރެވޭކަމަށް އެޗް.ޑީ،ސީން ބުނެއެވެ.