ޗެލްސީ ވޮޓްފޯޑްގެ މައްޗަށް ކުރި ހޯދާ، އަނެއްކާވެސް އުފާ ފާޅުކުރުންތައް ކުރިޔަށް ގެންގޮސްފިއެވެ.
ސްޓެމްފޯޑް ބްރިޖްގައި ރޭ ވޮޓްފޯޑާ ދެކޮޅަށް ކުޅުނު މެޗް ޗެލްސީ ކާމިޔާބުކުރީ 4-3 ލަނޑުންނެވެ. މެޗްގައި ފުރަތަމަ ލަނޑު ޖަހާ ފުރަތަމަ ކުރި ހޯދީވެސް ޗެލްސީއެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޯން ޓެރީއެވެ. އޭގެ ދެ މިނިޓް ފަހުން ވޮޓްފޯޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓިއެން ކަޕޫއެވެ. ޖެހިގެން އައި ދެ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދީ ލީޑް ފުޅާކޮށްދިނީ އަޒްބިލިކިއުޓާއާއި ބަޓްޝުއާއީއެވެ. ދެ ލަނޑުގެ ލީޑެއް ޗެލްސީން ނެގިނަމަވެސް ދެވަނަ ފަހަރަށްވެސް ވޮޓްފޯޑުން ވަނީ ނަތީޖާ ހަމަހަމަކޮށް ތިނެއް ތިނެކަށް ބަދަލުކޮށްފައެވެ. ވޮޓްފޯޓްގެ މި ދެ ލަނޑު ކާމިޔާބުކޮށްދިނީ ޑާލީ ޖެންމާޓާއި، ސްޓެފާނޯ އޮކާކާއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ޗެލްސީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ސެސް ފެބްރިގާސްއެވެ.
އިނގިރޭސި ލީގު ޗެލްސީއަށް ކަށަވަރުވެފައި އޮތުމާއެކު ގިނަބަޔަކު ޤަބޫލްކޮށްގެން ތިބީ ރޭގެ މެޗްގައި ޗެލްސީގެ ފުރަތަމަ އެގާރައިން އާންމުކޮށް ނުފެންނަ ގިނަ ކުޅުންތެރިންތަކެއް ފެންނާނެ ކަމަށެވެ. ނަމަވެސް ކޯޗް އެންޓޯނިއޯ ކޯންޓޭ ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ބޭނުންކޮށްފައިވަނީ އާންމުކޮށް ބޭނުން ނުކުރާ ދެ ކުޅުންތެރިންނެވެ.