ޚަބަރު

ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް މީޑިއާ ކައުންސިލުން ދެއްވާ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފިއެވެ. ޖުމްލަ 8 ދާއިރާއަކުން މިއަހަރު އެވޯޑް ދެއްވުމަށް ނިންމަވާފައިވާއިރު، އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށް އެމްއެމްސީ ވިދާޅުވެއެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ މި ފަހަރު ނޫސްވެރިކަމުގެ އެވޯޑް ދެއްވުމަށް ނިންމަވާފައިވަނީ މިހާތަނަށް އެ އިނާމް ދެއްވަމުން ގެންދެވި އުސޫލަށް ބަދަލު ގެންނަވާ ހުރިހާ ދާއިރާއަކުން އެއް އުސޫލެއްގެ މަތިންކަމަށެވެ. މިފަހަރު އެވޯޑްދޭ 8 ދާއިރާއަކީ އިޖްތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ، ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ، އަދި ފީޗަރ ލިއުމުގެ ދާއިރާއެވެ.

ޚާއްސަ ދެ އިނާމެއްގެ ގޮތުން، ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި، އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްސީން ވިދާޅުވެއެވެ. މީޑިއާ ކައުންސިލްގެ ޑިވޮލޮޕްމަންޓް ކޮމިޓީގެ ނާއިބު މުޤައްރިރު މުޙައްމަދު ހަމްދޫނު ވިދާޅުވީ، އިނާމް ދާއިރާތަކަށް ބަދަލު ގެންނެވީ ޤާނޫނީ ދާއިރާއާއި، ފީޗަރލިއުމުގެ ދާއިރާ އިތުރުކުރީ އެދާއިރާތަކުގެ ލިޔުންތައް އިތުރުވަމުންދާތީކަމަށާއި، ޚާއްސަކޮށް ފީޗަރ ލިއުމުގެ ދާއިރާއަކީވެސް ނޫސްވެރިކަމުގެ މުހިއްމު ކޮމްޕޯނަންޓަކަށްވެފައި އެފަދަ ލިޔުންތަށް އިތުރުކުރުމަށް ހިތްވަރުދެއްވަމުގެ ގޮތުންކަމަށެވެ.

ނޫސްވެރިންގެ ހުށައެޅުންތަކަށް އިންސާފުކުރުމަށްފަހު އެވޯޑް ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.