ކުޅިވަރު

ލީގު ތަށްޓާއެކު ޓެރީ ޗެލްސީގެ ކެރިއަރު ނިންމާލައިފި


ކެޕްޓަން ޖޯން ޓެރީ ޗެލްސީއަށް ކުޅެދިން ފަހު މެޗާއެކު ލީގުގެ ތަށި އެ ޓީމުން ރޭ އުފުލާލައިފިއެވެ.

ރޭ ސަންޑަރލެންޑް އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރަގައި ޓެރީ ނުކުތް ނަމަވެސް 28 ވަނަ މިނެޓްގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. މިއީ ޓެރީ ޗެލްސީއަށް ކުޅެދިން ފަހު މެޗުކަމުން ކުޅުންތެރިންނާއި، ސަޕޯޓަރުންގެ ފަރާތުން ޓެރީއަށް ވަނީ ތަރުހީބު ދިނުމުގެ ގޮތުން ވަރަށް ބޮޑަށް އަތް ޖަހާފައެވެ. 

މެޗަށްފަހު ޓެރީ ބުނީ މިއީ އެންމެ އުފާވި އަދި އެންމެ ދެރަވެސްވި ދުވަސް ކަމަށެވެ. ޔޫތު ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީން ކެރިއަރު ފެށި ޓެރީ ވަނީ އެ ކްލަބްގައި ހޭދަކުރި 22 އަހަރު ދުވަހުގެ ތެރޭގައި 13 މުބާރާތް ކާމިޔާބުކޮށްފައެވެ. 

ޗެލްސީގެ އިތުރުން ރޭ ޓޮޓެންހަމްވެސް ވަނީ ވަރަށް ފަސޭހަކަމާއެކު ލީގުގައި އެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ލީގު ނިންމާލާފައެވެ. ރޭގެ މެޗު ޓޮޓެންހަމް ކާމިޔާބުކުރީ ހަލް ސިޓީއާ ވާދަކޮށް 7-1 ލަނޑުންނެވެ. މި މެޗްގައި ހެރީ ކޭން ވަނީ ތިން ލަނޑު ކާމިޔާބުކޮށް، މި ސީޒަންގައި އޭނާ ޖެހި ގޯލުގެ އަދަދު 29 އަށް އިތުރުކޮށް ލަނޑު ލިސްޓުގެ އެއްވަނައަށް ޖެހިލާފައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުމުންދާ ލުކާކޫއަށް ޖެހިފައިވަނީ 25 ލަނޑެވެ.

ޓޮޓްނަމް ލީގު ނިންމާލީ ޗެލްސީގެ ފަހަތުން ދެ ވަނާގަ އޮވެއެވެ.