ކުޅިވަރު

މެޗަކުން ބަލިވެގެން ފަރުޖެއްސޭކަށް ނެތް - ނިޒާމް


އެއްވެސް މެޗެއް ގެއްލުވާލުމުގެ ފުރުސަތު ދެން ނެތްކަމަށް ޓީސީ ސްޕޯރޓްސް ކުލަބްގެ ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ. 

މާދަމާ ހަވީރު ވެލެންސިޔާއާ ދެކޮޅަށް ނިކުންނަން ޖެހޭ މެޗަށް އިޝާރާތްކޮށް ނިޒާމް ބުނީ ލީގުގައި ކުރިއަށްދާން ބޭނުންނަމަ، ކުރިއަށް ހުރި މެޗުތަކުން މޮޅުވާން ޖެހޭކަމަށާއި، މަދުވެގެން މެޗަކުން ޕޮއިންޓެއް ނަގަން ޖެހޭކަމަށެވެ. މިހާރު ޓީމްތަކުން ދައްކަމުންދާ ކުޅުމަށް ބަލާއިރު، ލީގުގައި މަދުވެގެން 21 ޕޮއިންޓް ހަމަކުރަން ޖެހޭކަމަށާއި، އެމަސައްކަތުގައި ކުރިއަށް އޮތް ވެލެންސިޔާ މެޗަކީ ތިން ޕޮއިންޓް ކޮންމެހެން ނަގަންޖެހޭ މެޗެއްކަމަށް ނިޒާމް ބުންޏެވެ.

"ކޮންމެ ޓީމަކަށްވެސް ވެލެންސިޔާ މެޗު ވެފަވަނީ ވަރަށް އުނދަގޫ މެޗަކަށް. ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް، ކޮންމެ މެޗެއްގައިވެސް ވެލެންސިޔާ ވަރަށް ރަނގަޅަށް ގޭމް ކުޅޭ. އެހެންވީމަ އެއްވެސް ޓީމަކަށް ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ. ކޮންމެ ޓީމެއްވެސް މިހާތަނަށް ވެލެންސިޔާ ބަލިކޮށްފަ ވަނީ ވަރަށް އުނދަގުލުން. އެހެންވީމަ ޓީސީންވެސް ވެލެންސިޔާ މެޗުން މޮޅުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ." ނިޒާމް ބުންޏެވެ.

img:http://s2.psmnews.mv/images/660x400/14956293535084.gif|ލީގްގެ ފުރަތަމަ ބުރުގައި ކުލަބް ވެލެންސިޔާއާއި ޓީސީ ވާދަކުރި މެޗްގެ ތެރެއިން (ފޮޓޯ:ޕީއެސްއެމް)

އެންމެ ފަހުން ގްރީން ސްޓްރީޓާ ވާދަކުރި މެޗުގެ ފުރަތަމަ ހާފްގައި ޓީސީން މާރަނގަޅު ކުޅުމެއް ނުދެއްކުނުކަން ފާހަގަކުރަމުން ނިޒާމް ބުނީ އެމެޗުގެ ދެވަނަ ހާފްގައި ދެއްކި ކުޅުން ކޮންމެ މެޗެއްގައިވެސް ތަކުރާރުކުރުން މުޙިންމުކަމަށެވެ.

" މިސީޒަންގަ މިހާތަނަށް އައިއިރު، އެންމެ ބޮޑަށް ފާހަގަވެފައިވަނީ ގޯލް ނުޖެހުމުގެ މައްސަލަ. ކުރިއަށް ހުރި މެޗުތަކުގައި އެކަން ވަރަށް ބޮޑަށް ރަނގަޅުވާނެކަމަށް މިބަލަނީ. މިމުބާރާތުގައި ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތް. ކުޅުންތެރިއަކު ގެނެވޭނީވެސް ޓްރާންސްފރ ހުޅުވުމުން. ޓްރާންސްފަރ މާރކެޓްވެސް ހުޅުވެނީ އެންމެ ފަހު މެޗުގަ. އެހެންވީމަ މިހާރު ތިބި ކުޅުންތެރިން ލައިގެން ކުރިއަށްދާން ޖެހޭނީ. މިހާރު ތިބި ކުޅުންތެރިންނާއެކު ކުރިއަށް ހުރި މެޗުތަކުގައި މޮޅު ކުޅުމެއް ފެނާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ." ޓީސީގެ ކޯޗު ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14956293736485.gif|ލީގްގެ ފުރަތަމަ ބުރުގައި ކުލަބް ވެލެންސިޔާއާއި ޓީސީ ވާދަކުރި މެޗްގެ ތެރެއިން (ފޮޓޯ:ޕީއެސްއެމް)

ކުލަބް ވެލެންސިޔާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކޮންމެ މެޗަކީވެސް މޮޅުވާން މަޖްބޫރު މެޗެއްކަމަށެވެ. އެއްވެސް މެޗކީ ފަސޭހަ މެޗެއް ނޫންކަމަށާއި، މިހާރު ލީގު ތާވަލްގެ އެންމެ ފުލުގައި އޮތްނަމަވެސް، މެޗަކުން ބަލިވެއްޖެނަމަ އިތުރު ޕްރެޝަރުތަކާ ކުރިމަތިލާންޖެހޭނެކަމަށް މުޖުތަބާ ބުންޏެވެ. ވެލެންސިޔާ މިހާރު އޮތް ހާލަތުން، ލުޔެއް ލިބޭނީވެސް ޓީސީ މެޗު ކާމިޔާބުކޮށްގެންކަމަށް އޭނާ ފާހަގަކުރިއެވެ.

"ކޮންމެ ޓީމެއް ބަލިކުރަންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. ވަކި ޓީސީ ވެގެން ވެލެންސިޔާއިން އިތުރު ކަންތައްތަކެއް ކުރާކަށް ނުޖެހޭނެކަމަށް ޤަބޫލް ކުރެވެނީ. ވެލެންސިޔާއިން ނިކުންނާނީ ވެލެންސިޔާއިން މިހާރުވެސް ކުޅެމުން އަންނަ ގޮތަށް ކުޅެން. މަސައްކަތްކޮށްފިނަމަ އެކަންވެސް ކާމިޔާބުވާނެކަމަށް އަޅުގަނޑަށް ޤަބޫލް ކުރެވެނީ." ފެސްކޯ ބުންޏެވެ.

img:http://s1.psmnews.mv/images/660x400/14956294057813.gif|ކުލަބް ވެލެންސިޔާގެ ކޯޗް އަހުމަދު މުޖްތަބާ (ފޮޓޯ:ޕީއެސްއެމް)

ވެލެންސިޔާއަށް ގަދަ ހަތަރެއްގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވެފައިވާކަން ފާހަގަކުރަމުން ފެސްކޯ ބުނީ ކުރިއަށް ހުރި ހުރިހާ މެޗެއް ނަގައިގެންވެސް، އެހެން ޓީމްތަކުގެ ނަތީޖާއަށް މިހާރު ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭކަމަށެވެ.

"ވެލެންސިޔާއަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެއްކޮށް ބަންދުވީއެކޭ އަދި ބުނެވޭކަށް ނެތް. ނަމަވެސް އަކަން ވަރަށް ހަނިވެފައޭ އަޅުގަނޑު ބުނަނީ މިހާރު މިއޮތީ. ގަދަ ހަތަރަކަށް އެރޭ މަންޒަރު ފެންނަނީ ވަރަށް ދުރުން. ޤަބޫލް ކުރަނީ އަދިވެސް ވެލެންސިޔާއަށް ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެކަމަށް. މިހެން ބުނާއިރުވެސް އަޅުގަނޑަށް އިނގޭ މިއީ ވަރަށް އުނދަގޫ މަސައްކަތެއްކަން." 

އެސްޓީއޯ މާލޭ ލީގުގައި ކުލަބް ވެލެންސިޔާއާއި ޓީސީ ސްޕޯޓް ކުލަބް ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ.