ޚަބަރު

ރޯދަމަހު ހުޅުމާލެއަށް ދަތުރުކުރުމަށް ފަޞޭހަ އިންތިޒާމްތަކެއް


މާލެއާއި ހުޅުމާލެއާ ދެމެދު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް އަށާރަހާސް ފަސްސަތޭކަ މީހުން ދަތުރުކުރެއެވެ. މިޢަދަދު ބަންދު ދުވަސްތަކުގައި އެކާވީސް ހާހުން މައްޗަށް އަރައެވެ. 

ދުވާލެއްގެ މައްޗަށް މިހާގިނަ ޢަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހުޅުމާލެ ފެރީޓަރމިނަލުގައި ވަނީ ރަމަޟާން މަހަށް ޚާއްސަކޮށް ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން އެމްޓީސީސީގެ ފްލީޓަށް ފެރީ އިތުރުކޮށްފައިވާކަމަށް ކުންފުނިން ބުނެއެވެ. އަދި ޓަރމިނަލްގެ ތޮށްޖެހުން ކުޑަކުރުމަށްޓަކައި، އެއްފަހަރާ ވީހާވެސް ގިނަ ޢަދަދެއްގެ ފަސެންޖަރުން ގެންދެވޭ، ޖާގަ ބޮޑު ފެރީތަކެއް ފްލީޓަށް އިތުރުކޮށްފައިވާކަމަށް ކުންފުނިން ބުނެއެވެ.

އެހެން މަސްތަކާ ޚިލާފަށް ފެރީ ދަތުރުކުރާ ބައެއް ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ފަތިހު 5:30ގައި މާލެއާ ހުޅުމާލެއިން ވެސް ފެރީގެ ދަތުރުތައް ފަށުމަށްފަހު، ހަވީރު5:40 ގައި ފެރީދަތުރުތައް މެދުކަނޑާލާނެއެވެ. އެއަށްފަހު ދެން ދަތުރުތައް ފަށާނީ، އިރުއޮއްސި 7 ޖަހާއިރުއެވެ. ރޭގަނޑު ދަތުރުތައް މެދު ކަނޑާލާނީ މެންދަމު 2:30ގައެވެ.

"ޕްރިމިއަމް ލިންކް"ގެ ދަތުރުތައް އޮންނާނީ ހެނދުނު 8:00 އާ ހަވީރު 5:40ހާ ދޭތެރޭގައެވެ. އަދި އެކްސްޕްރެސް ގެ ދަތުރުތައް އޮންނާނީ، 7:55 އާ ހަވީރު 5:40ހާ ދޭތެރޭގައެވެ. ފެރީގެ އިތުރުން ރަމްޟާން މަހާ ދިމާކޮށް، ހުޅުމާލޭގައި އިތުރު ބަސްރޫޓެއްވެސް ވަނީ ތައާރަފްކޮށްފައެވެ. އެމްޓީސީސީން ބުނީ، މިހާރު ހުޅުމާލޭގެ ހުރިހާ ނެއިބަރހުޑަކަށް ބަސް ދަތުރުތައް އޮންނާނެކަމަށެވެ.

ފެރީގެ ޚިދުމަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެމްޓީސީސީން ވަނީ ފެރީތަކުގެ ފެންވަރު ރަނގަޅުކުރުމަށްވެސް މަސައްކަތްތަކެއް ކޮށްފައި. އެގޮތުން ޕްރިމިއަމް ލިންކްގެ ނަމުގައި އޭސީ ފެރީގެ އިތުރުން ޑަބަލް ޑެކް ފެރީވެސް ތަޢާރަފްކޮށްފައިވެއެވެ.