ޚަބަރު

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޓީވީއެމުން ދައްކަން ފަށަނީ


ޓެލެވިޒަން މޯލްޑިވްސް އިން ރަމަޟާންމަހު ދައްކާ ޕްރޮގްރާމްތަކުގެ ތެރެއިން ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ މިއަހަރުގެ މުބާރާތް، އަންގާރަދުވަހުގެ ރޭ ދައްކަން ފަށާނެއެވެ.

މިފަހަރުގެ އަލިގަދަ ތަރި ފަށާނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އޮޑިޝަންތަކުން ހޮވުނު ގަދަ 12 ބައިވެރިންނާއެކުގައެވެ. ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކީ، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމުކޮށް ހުޅުވާލައިގެން ޒުވާނުންނާއި އޭގެ މަތީ ޢުމުރުފުރާތަކުގެ މީހުންނަށް ޓެލެވިޒަން މޯލްޑިވްސްއިން ބާއްވާ ޤުރުއާން މުބާރާތެކެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ބާއްވާ މި މުބާރާތަކީ ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ އެހީތެރިކަމާއެކު ބާއްވާ މިއަހަރުގެ މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމު ވަނީ ހުށައަޅާފައެވެ. އަދި ވަނަތަކަށް ހޮވޭ ބައިވެރިންނަށް ހައްޖުދަތުރާއި، ސްކޮލަޝިޕްތަކުގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ހުށައެޅިފައިވެއެވެ.

މިފަހަރުގެ އެންމެ އަލިގަދަ ތަރި މުބާރާތަށް ބައިވެރިން ހޮވުމަށް ރާއްޖޭގެ 3 ސަރަޙައްދެއްގައި އޮޑިޝަން ބާއްވާފައިވެއެވެ. އެއީ ރާއްޖޭގެ ދެކުނުން ފުވައްމުލައް ސިޓީއާއި، އުތުރުން ށ. ފުނަދޫގެ އިތުރުން މާލެ ސިޓީގައެވެ. އޮޑިޝަންގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ މީހުން އެސް.އެމް.އެސް ކޮށްފައިވާއިރު، އޮޑިޝަން ތަކުން ހޮވިފައިވަނީ ޖުމްލަ 12 ބައިވެރިންނެވެ. މި ބައިވެރިންގެ މެދުގައި މުބާރާތް ފެށުމަށް ޓީ.ވީ.އެމްގެ ޕްރޮޑަކްޝަން ޓީމުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރ، އަންނަ އަންގާރަ ދުވަހުގެރޭ އަލިދަގަ ތަރީގެ ފުރަތަމަ ޕްރޮގްރާމް ދެއްކުމަށް ވަނީ ހަމަޖެހިފައި.

މި ރަމަޟާން މަހުގެ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުގެ ރޭ އަލިގަދަ ތަރި ޕްރޮގްރާމްތައް ދެއްކުމަށް ހަމަޖެހިފައިވާއިރު، ބައިވެރިންގެ ކިޔެވުމުގެ އިތުރުން، ކޮންމެ ޕްރޮގްރާމެއްގައިވެސް ޝައުގުވެރި ބައިތަކެއް ހިމެނިގެންދާނެއެވެ.

މިއީ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ 5 ވަނަ މުބާރާތެވެ.