ކުޅިވަރު

ދެވަނަ ބުރަށް ދިއުމަށް ލިބުނު ފަހި ފުރުޞަތު މާޒިޔާއަށް ގެއްލިއްޖެ


އޭ.އެފް.ސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން ބަލިވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އަނެއްކާވެސް މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ނުލިބި މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.

އިންޑިޔާގައި އިންޑިޔާގެ ބެންގަލޫރު އެފް.ސީ އާއި ބައްދަލުކުރި މެޗު ބެންގަލޫރު އެފް.ސީ ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ބެންގަލޫރު ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީއެވެ.

މިމެޗުން ބަލިވިނަމަވެސް މާޒިޔާ ޕޮއިންޓުގެ ގޮތުން އޮތީ ބެންގަލޫރު އެފް.ސީ އާއި އެއްވަރެއްގައެވެ. ދެޓީމަށްވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. އެހެންނަމަވެސް ގްރޫޕްގެ އެއްވަނަ ހޯދައިގެން މުބާރާތުގެ ދެވަނަ ބުރުން ބެންގަލޫރު ޖާގަ ހޯދީ މިދެޓީމް ކުޅުނު މެޗުތަކަށް ބަލާއިރު ބެންގަލޫރަށް ކުރި ލިބޭތީއެވެ.

މާޒިޔާއާއި ބެންގަލޫރު އެފް.ސީ ބައްދަލުކުރި ދެ މެޗުވެސް ކާމިޔާބުކުރީ ބެންގަލޫރު ޓީމުންނެވެ. ދެމެޗުވެސް އެކެއް ސުމަކުން ނިމުނު އިރު ދެ މެޗުގައިވެސް ލަނޑުޖެހީ ސުނިލް ޗެތްރީއެވެ.

މިމެޗުގައި މާޒިޔާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެގެން ގޮސްފައެވެ. މިގޮތުން ފުރުތަމަ ހާފްގައި މާޒިޔާގެ ބިދޭސީ ފޯވާޑް ރަކިޗް ބޮލުން ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް ނިކުތީ ގޯލް ދަނޑީގައި ޖެހިފައެވެ. އަދި ދެވަނަ ހާފްގައި މެޗުގެ ނަތީޖާ ހަމަ ހަމަ ކުރުމަށް އައްސަދު އަލީ އަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް އައްސަދު ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މިމެޗުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ ދެވަނަ ހާފްގައި ވަނީ ބަދަލުކޮށްފައެވެ.

މިމުބާރާތުގައި މާޒިޔާ ކުޅުނު މެޗުތަކުގެ ތެރެއިން ބެންގަލޫރު އެފް.ސީ އާއި ބައްދަލުކުރި ދެ މެޗު ފިޔަވައި ދެން ކުޅުނު ހުރިހާ މެޗެއްވެސް އެޓީމް ވަނީ ކާމިޔާބުކޮށްފައެވެ.

ބެންގަލޫރު އެފް.ސީ މާޒިޔާއާއި ބައްދަލުކުރި ދެ މެޗު ކާމިޔާބުކުރިނަމަވެސް ގްރޫޕްގައި ދެން އޮތް ދެ ޓީމް ކަމުގައިވާ ބަނގްލަދޭޝްގެ ޑާކާ އަބަހާނީ އަދި އިންޑިއާގެ މޯހަން ބަގާން އަތުން އަވޭ ދެ މެޗުގައިވެސް ވަނީ ބަލިވެފައެވެ.

މިމެޗާއެކު މާޒިޔާއަށް މިއަހަރުގެ އޭއެފްސީކަޕް ނިމިގެން ދިޔައީ ޕޮއިންޓަކުންވެސް ދެވަނަ ބުރުން ޖާގަ ލިބެން އޮތް ގްރޫޕް ސްޓޭޖްގެ ފަހު މެޗުން ބަލިވެގެންނެވެ.