ކުޅިވަރު

ލީގުގެ ގަދަ 4 އަށް ނުވަދެވިއްޖެނަމަ، އެއީ ބޮޑު ފެއިލްއެއް- ސާންތި


އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން އީގަލްސްއަށް ޖާގަ ހޯދާ ނުދެވިއްޖެނަމަ ކޯޗެއްގެ ހައިޞިއްޔަތުން އޭނާވެސް ފެއިލްވީކަމަށް އިހުސާން އަބުދުލްޣަނީ (ސާންތި) ބުނެފިއެވެ. ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗު ސާންތި ބުނީ އީގަލްސްއަކީ ގަދަ ހަތަރެއްގަ ހިމެނެންޖެހޭ ވަރުގެ ޓީމެއްކަމަށެވެ. އަދި އީގަލްސް ޓީމްގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު މިއީ ނުވާވަރުގެ ކަމެއް ނޫންކަމަށްވެސް ސާންތި ބުންޏެވެ.

"ގަދަ ހަތަރަކަށް ނުވަދެވިއްޖެނަމަ ކޯޗެއްގެ ހައިޞިއްޔަތުން އަޅުގަނޑުވެސް ފެއިލްވީ. މީގެ ތެރޭގައި އެބަހުރި ވަރަށް ބޮޑެތި ދަތިތަކެއްވެސް. ލީގުގެ ގަދަ  ހަތަރަކާ ހަމައަށް ނުދެވިއްޖެނަމަ، ހުރި ގޮންޖެހުންތަކުގެ ވާހަކަ ދެއްކުމަކީ ބޭކާރުކަމެއް. ގަދަ ހަތަރަކުން ފުރުޞަތު ނުހޯދިއްޖެނަމަ ކުލަބް އީގަލްސްއަށްވެސް އަދި ކޯޗެއްގެ ހައިޞިއްޔަތުން އަޅުގަނޑު ޤަބޫލް ކުރަން އެހިސާބުން އަޅުގަނޑު ފެއިލް ވީކަމަށް." ސާންތި ބުންޏެވެ.

ބްރޭކަށް ފަހު އެސްޓީއޯ މާލޭ ލީގްގެ މެޗުތަކާ ކުރިމަތިލާއިރު، އީގަލްސް އާއި މާޒިޔާއަށް ބާކީ 6 މެޗު އޮންނާނެއެވެ. އެހެން ޓީމްތަކަށް އޮންނާނީ 5 މެޗެވެ. ކުލަބް އީގަލްސްގެ ކޯޗް އިހުސާން އަބްދުލް ޣަނީ ބުނީ ގަދަ ހަތަރަކުން ޖާގަ ހޯދަން 6 މެޗުން 12 ޕޮއިންޓް ހޯދަން ޖެހޭކަމަށެވެ. 12 ޕޮއިންޓް ހޯދައިގެން އަމިއްލަ ބާރުގަ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރު ކުރެވޭނެކަމަށް އޭނާ ބުންޏެވެ. މާޒިޔާ ފިޔަވާ އެހެން އެއްވެސް ޓީމަކަށް މިހާތަނަށް ގަދަ ހަތަރެއްގެ ޖާގައެއް ޔަޤީން ނުވާކަމަށާއި، ލީގުގައި ބާކީ މިއޮތް ކޮންމެ މެޗަކީވެސް ފޯރިގަދަ، ލީގު ތާވަލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މެޗުތަކެއްކަމަށްވެސް ސާންތި ބުންޏެވެ. ލީގުގެ ގަދަ ހަތަރަކަށް އަރަން މަސައްކަތް ކުރާ ނިއު ރޭޑިއަންޓް، ޓީސީ، ގްރީން ސްޓްރީޓް، އީގަލްސް އަދި ވިކްޓްރީއަށްވެސް އެއްވެސް މެޗެއް ފަސޭހަ ނުވާނެކަމަށާއި، ބްރޭކަށް ފަހު އީގަލްސް އާއި މާޒިޔާ ވާދަކުރާ މެޗުން އީގަލްސް މަދުވެގެން ޕޮއިންޓެއް ހޯދަންޖެހޭނެކަމަށްވެސް ސާންތި ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14975120372988.gif|ކުލަބް އީގަލްސްގެ ކޯޗް އިހުސާން އަބްދުލް ޣަނީ ކުލަބްގެ ފަރިތަކުރުންތަކުގައި (ފޮޓޯ:އީގަލްސް)

"ލީގުގެ ފަހު މެޗުތަކުގައި ބައިވަރު ކަންތައްތައް އަދި ހިނގާނެ، އަޅުގަނޑުމެން ހީނުކުރާ ބައިވަރު ކަންތައްތައް ކުރިމަތިވާނެ. އެއްވެސް ޓީމަކަށް ދެން އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. ކުލަބް ވެލެންސިޔާ އާއި ޔުނައިޓެޑް ވިކްޓްރީ މެޗަކީވެސް އެއްވެސް ބަޔަކަށް ފަސޭހަ މެޗަކަށް ނުވާނެ. ކުރިއަށް މިއޮތީ ވަރަށް ވަރުގަދަ މެޗުތަކެއް، ކޮންމެ ޓީމަކަށްވެސް ވަރަށް މުހިންމު މެޗުތަކެއް. 200 ފަސެންޓް ދީގެން ނޫނިއްޔާ އެއްވެސް ޓީމަކަށް މޮޅެއް ނެތް ވެވޭކަށް." ސާންތި ބުންޏެވެ.

ސާންތި އިތުރަށް ބުނީ ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ނިކުންނާނެ ގޮތް އަންދާޒާ ކުރަންވެސް ނޭންގޭނެކަމަށާއި، ނަމަވެސް އީގަލްސްއިން ބަލާނީ މެޗަކަށް ފަހު މެޗެއް ވަރުގަދަކޮށް، ގަދަ ހަތަރެއްގެ ޖާގައެއް ޔަޤީން ކުރަންކަމަށެވެ. ކުރިއަށް އޮތް މާޒިޔާ މެޗަށް ޓީމް ވަރަށް ރަނގަޅަށް ތައްޔާރު ވަމުންދާކަމަށްވެސް ކޯޗު ބުންޏެވެ.

އެސްޓީއޯ މާލޭ ލީގު ތާވަލްގެ އެއްވަނާގައިވާ މާޒިޔާއަށް 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައިވާ ނިއުއަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. ނިއުއަށްވުރެ 1 ޕޮއިންޓް މަދުން ލިބިގެން 3 ވަނާގަ އޮތީ ގްރީން ސްޓްރީޓެވެ. ވިކްޓްރީ އާއި ޓީސީއަށް 14 ޕޮއިންޓް ވަނީ ލިބިފައެވެ. ކުލަބް އީގަލްސް ތާވަލްގެ 6 ވަނާގަ އޮތީ 13 ޕޮއިންޓް ލިބިގެންނެވެ.