ވިޔަފާރި

ފުރަތަމަ ކުއާޓަރގައި، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް


މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.

މިއަހަރުގެ އޭޕްރީލްމަހު ރާއްޖޭގެ ދެކުނަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެ، މަސްގަންނަ ކުންފުނިތަކުންވަނީ ރިކޯޑް އަދަދަކަށް މަސްގަނެފައެވެ.

އެމްއެމްއޭއިން ނެރުއްވާފައިވާ ކުއާޓަރލީ އިކޮނޮމިކް ބްލެޓިންގ ރިޕޯޓްގައި ވިދާޅުވެފައިވަނީ، 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ކުންފުނިތަކުން މަސްގަތް މިންވަރު %16 އިތުރުވެފައިވާކަމަށެވެ. މި މުއްދަތުގެ ތެރޭގައި ކުންފުނިތަކުން ގަތް މަހުގެ އަދަދު އުޅެނީ 13,000 މެޓްރިކް ޓަނަށްވުރެ މަތީގައެވެ.

މި ރިޕޯޓްގައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން މަސް އެކްސްޕޯޓްކުރި އަދަދުވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %51 އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަޅުބިލަމަސް އަދި ކަންނެލި އެކްސްޕޯޓްކުރި އަދަދު އިތުރުވުމެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވައިރު، މިއަހަރުގެ އޭޕްރީލްމަހު ރާއްޖޭގެ ދެކުނަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެ، މަސްގަންނަ ކުންފުނިތަކުންވަނީ ރިކޯޑް އަދަދަކަށް މަސްގަނެފައެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އޭޕްރީލްމަހު މަސްގަންނަ ކުންފުނިތަކުން 2921.6 މެޓްރިކް ޓަނުގެ މަސްގަނެފައިވެއެވެ.

ގިނައިން މަސްބާނާ ދުވަސްވަރު، އެއްވެސް ކޮންޓްރޯލެއްނެތި މަސް ގަތުމަށް ފިޝަރީޒް މިނިސްޓްރީން ގެންދަވަނީ، މަސްގަންނަ ކުންފުނިތަކާއެކު މަޝްވަރާކުރައްވަމުންނެވެ. މިގޮތުން މިފަދަ ދުވަސްވަރަކާ ދިމާކޮށް ރާއްޖެއިން ބޭރަށް މަސްގެންދިއުމަށް ބޭނުންވާ ބޯޓުފަހަރުގެ ޢަދަދު އިތުރުކޮށް، ކުންފުނިތަކަށް މަސްގަނެ ރައްކާކުރެވޭނެ މިންވަރު އިތުރުކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް މަސްގަނެ، މަސް ބޭރުކުރާ ރަށްރަށުގެ ތެރޭގައި ހިމެނެނީ، މިފްކޯގެ ދަށުން ހިނގަމުން އަންނަ ގއ. ކޫއްޑޫއާއި، ޅ.ފެލިވަރާއި ހޮރައިޒަން ފިޝަރީޒްގެ ލ.މާންދޫގައެވެ. މީގެއިތުރުން ތ. އަތޮޅު ފުނައްޑޫގައިވެސް މަސްގަނެ، މަސް ބޭރުކުރަން މިހާރު ވަނީ ފަށާފައެވެ.