ވިޔަފާރި

އެސްބީއައި އިން ކާޑްލެސް ޑިޕޮސިޓް އޭޓީއެމްގެ ޚިދުމަތް ފަށައިފި


ކޭޝް ކާޑަކާ ނުލާ އޭޓީއެމް ބޭނުންކޮށްގެން އެކައުންޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް އެސްބީއައިއިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ. މިއީ ރާއްޖެއަށް މުޅިން އާ ޚިދުމަތެކެވެ.

މި ޚިދުމަތުގެ އިތުރުން އެސްބީއައިއިން މިއަދު ވަނީ ރާއްޖޭގައި ޑޮލަރ އޭޓީއެމްގެ ޙިދުމަތްވެސް ދޭން ފަށާފައެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައިގެ މި ދެ ޙިދުމަތް އިފްތިތާހްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރނަރ ޑރ. އަޒީމާ އާދަމްއެވެ. އެސްބީއައިއިން އަލަށް ތަޢާރަފްކުރި މި ޚިދުމަތްދޭ ދެ އޭޓީއެމް ބަހައްޓާފައިވަނީ އެ ބޭންކުގެ މާލޭ ބުރާންޗްގައެވެ.

އެސްބީއައިގެ އާ ދެ އޭޓީއެމް އިފްތިތާހްކޮށްދެއްވުމަށްފަހު، ގަވަރނަރ ޑރ. އަޒީމާ އާދަމް ވަނީ އެސްބީއައިގެ އިސްވެރިންނާ ބައްދަލްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ގަވަރނަރ ދެއްކެވި ވާހަކަފުޅުގައި، އެސްބީއައި އިން އަލަށް ދޭން ފެށި ޚިދުމަތް ފާހަގަކުރައްވާ ކުރިއަށް އޮތްތާގައިވެސް މިފަދަ ޒަމާނީ ޚިދުމަތްތައް އެ ބޭންކުން ތަޢާރަފްކުރަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެސްބީއައިއިން އަލަށް ބެހެއްޓި ދެ އޭޓީއެމް މެޝިނާ ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތުދެމުން އެސްބީއައިގެ ސީއީއޯ ޝަންކަރު ނަރާޔަން ވިދާޅުވީ، ކާޑް ލެސް ޑިޕޮސިޓް އޭޓީއެމް ބޭނުންކުރުމަށް އެކައުންޓު ނަމްބަރު ޖެހުމަށްފަހު މޯބައިލް ފޯން ނަމްބަރު ޖެހުމުން، މޯބައިލް ފޯނަށް ކޯޑެއް ފޮނުވާލެވޭނެ ކަމަށެވެ.

އެސްބީއައިގެ ޑޮލަރ އޭޓީއެމުން ދުވާލެއްގެ މައްޗަށް ނެގޭނީ އެއްމެ ގިނަވެގެން 1000 ޑޮލަރެވެ. އެސްބީއައިގެ ޑޮލަރ އޭޓީއެމްގެ ޙިދުމަތް ހޯދުމަތް ޑޮލަރ އޭޓީއެމް ކާޑެއް ބޭނުންވާނެ ކަމަށް އެސްބީއައިގެ ސީއީއޯ ނަރާޔަން ވިދާޅުވިއެވެ.

އެސްބީއައިއިން ރާއްޖޭގައި ބޭންކިންގެ ޙިދުމަތް ދޭން ފަށާފައިވަނީ 1974 ވަނަ އަހަރުގައެވެ. އެބޭންކުން އަންނީ މާލޭގެ އިތުރުން، ސ. ހިތަދޫ އާއި އދ.މާމިގިލީގައި ބޭންކިންގެ ޚިދުމަތް ދެމުންނެވެ. އެގޮތުން އަލަށް ބަހެއްޓި 2 އޭޓީއެމްއާއެކު އެސްބީއައިގެ އޭޓީއެމްތަކުގެ އަދަދު މިހާރު މިވަނީ 5 އަރާފައެވެ.

އެމްއެމްއޭއިން ބޭއްވި ފައިނޭންޝިއަލް އެކްސްޕޯގެ ތެރެއިން އެސްބީއައިއިން ވަނީ ރިކަރިން ޑިޕޮސިޓްގެ ޙިދުމަތާއި، މޯބައިލް ބޭންކިންގެ ޙިދުމަތްވެސް އިފްތިތާހްކޮށްފައެވެ.