ދިވެހިރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން އިޤްތިޞާދު އިތުރަށް ކުރިއަރައި، އިޤްތިޞާދީ ދުވެލި ކުރިއަރާ މިންވަރު އިތުރުވާނެކަމަށް މިހާރު ރާއްޖެ އައިސްއުޅޭ އައިއެމްއެފްގެ ވަފްދުން ބުނެފިއެވެ.
އަދި ޤައުމީ އުފެއްދުންތެރިކަން އެކަށޭނެ މިންވަރަކުން ކުރިއަރައި އިންފްލޭޝަން ރޭޓް ދަށް މިންވަރެއްގައި ހިފެހެއްޓޭނެކަމަށާއި ދެހާސްސަތާރަ އަދި 2018 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު 4.5 އިންސައްތައަށް ވުރެ މަތިވާނެކަމަށްވެސް އައިއެމްއެފްގެ ވަފުދުން ވަނީ ލަފާކޮށްފައެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ އާރޓިކަލް 4 ގެ މަޝްވަރާތައް ބޭއްވުމަށްޓަކައި އައިއެމްއެފްއުން ރާއްޖެއަށް ފޮނުވި ވަފްދުން ވަނީ އެ ވަފްދުގެ މަސައްކަތްތައް ނިންމާލުމަށްފަހު، ފާހަގަކުރެވުނު ކަންތައްތައް ނޫސްވެރިންނާ ޙިއްޞާކޮށްފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިއެމްއެފްގެ ވަފްދުން ވަނީ ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ޢުމްރާނީ ބޮޑެތި މަޝްރޫޢުތަކާއި، ރާއްޖޭގެ އިޤްޞާދީ ޙާލަތު އޮތްގޮތާއި އިޤްތިޞާދު ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތައް ހިމަނާފައިވެއެވެ. މި ވަފްދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ ފިލިޕް ކަރަމްއެވެ.
އައިއެމްއެފްގެ ވަފްދުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ކުރިޔަށްދާ ޢުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން އިޤްތިޞާދު އިތުރަށް ފުޅާވެ، އިޤްތިޞާދީ ދުވެލި ކުރިއަރާ މިންވަރު އިތުރުވާނެ ކަމަށާއި އެހެންނަމަވެސް ފިސްކަލް އަދި އެކްސްޓާރނަލް ސެކްޓަރގެ ފަރަގާ ގުޅިގެން އިތުރު އުނދަގޫތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަންވީ މިފަދަ އުނދަގުލާއި ދަތިތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށާއި ހިމެނެނިވި އަދި ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދީގެން ކަމަށްވެސް އައިއެފްގެ ޓީމުން ފާހަގަކުރެއެވެ.
img:http://s4.psmnews.mv/images/660x400/15003056301967.jpg|އައިއެމްއެފްގެ ވަފްދުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
މާލޭ ސަރަޙައްދުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން، އާބާދީ އެއްފަސްކުރުމަށް މަގުފަހި ވެގެންދާނޭކަމަށް ބެލެވޭ ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން ކަރަންޓް، ދަތުރުފަތުރު އަދި އެހެނިހެން އިޖްތިމާޢީ އަދި އަސާސީ ޚިދްމަތްތައް ދިނުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބޭނޭ ކަމަށް ބެލެވޭކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ޙައްލެއް ހޯދުމަށް ފަސޭހަވާކަމަށްވެސް ބެލެވެއެވެ. އަދި ޢުމްރާނީ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވާނެކަމަށް ބެލެވެއެވެ. ނަމަވެސް، މިކަންކަމުގެ ސަބަބުން ދަރަނި އިތުރުވެ، މެދުވެރިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫޢުތައް ހަރުދަނާކަމާއެކު ކުރިޔަށް ގެންދިއުން މުހިއްމު ކަމަށް އައި.އެމް.އެފްގެ ވަފްދުން ބުނެއެވެ.
ގެދޮރު ޢިމާރާތްކުރުމާއި ޞިއްޙީ ދާއިރާއާއި އެއަރޕޯޓް ތަރައްޤީކުރުމާއި އަދި އެހެނިހެން ދާއިރާތަކުގައި ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިޤްތިޞާދު އިތުރަށް ފުޅާވެ، ކުރިއަރައިގެންދިއުމަށް މަގުފަހިވާނެކަމަށް ބެލެވޭކަމަށާއި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވެ، މިކަމުގެ ސަބަބުން މެދުވެރިވެދާނެ ގެއްލުން ކުޑަކުރުމަށްޓަކައި މިފަދަ މަޝްރޫޢުތައް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުން މުހިއްމު ކަމަށްވެސް ވަފްދުން ފާހަގަކުރިއެވެ.
އައިއެމްއެފްގެ ވަފުދުގެ މަސައްކަތް ނިމުމުން، ނެރުނު ނޫސް ބަޔާންތަކުގައި އެކުލެވެނީ އައިއެމްއެފްގެ ވަފުދުތައް ޒިޔާރަތްކުރާ ޤައުމެއްގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ހޯދާ ހޯދުންތަކަށް ބިނާކޮށް ހުށަހަޅާ ބަޔާނެކެވެ. މި ބަޔާނުގައިވާ ކަންކަމަކީ ވަފުދުގެ މެންބަރުންގެ ހޯދުންތަކުގެ އަލީގައި ފާހަގަކޮށްފައިވާ ކަންކަމެވެ. މި ޒިޔާރަތުގައި ވަފުދުގެ މެންބަރުންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ ރިޕޯޓެއް، މެނޭޖްމަންޓުގެ ހުއްދައާއެކު، އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމަށް ހުށަހެޅޭނެއެވެ.
އައިއެމްއެފެގެ ވަފްދު ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޑރ. ޢާޒީމާ އާދަމާއި، ރައްޔިތުން މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާއި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އަދި ބޭންކްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އޮޕަރޭޓަރުންނާއި އަމިއްލަ ކުންފުނިތައް ހިންގާ އިސް ފަރާތްތަކާއި ރާއްޖޭގައި ޙަރާކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސް އޮފިޝަލުންނާވެސް ބައްދަލުކޮށްފައިވެއެވެ. މިވަފުދުން ތައްޔާރުކުރާ ރިޕޯޓް، އެމްއެމްއޭގެ އިސްވެރީންގެ ހުއްދައާއެކު، އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.