ލ.އަތޮޅު ދަނބިދުއާއި ކަލައިދޫގައި އާލާކުރާ، ހުއިފިލަނޑާ މިއަހަރުގެ އޮކްޓޫބަރު ހާތާގައި ބާޒާރަށް ވިއްކަން ނެރޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރުމަސްތެރޭ ފަށާފައިވާ މި މަޝްރޫއުގެ ދަށުން ބޮޑު ކުރާ ހުއިފިލަނޑާތައް ބާޒާރަށް ވިއްކަން ފަށާނީ ބަރުދަނުގައި ފަސްސަތޭކަ ގްރާމް ހަމަވުމުންނެވެ. އެގޮތުން މިހާރު ލަފާ ކުރެވޭ ގޮތުގައި އަންނަ އޮކްޓޫބަރު ހިސާބު އެ ބެޗްގެ ހުއިފިލަނޑާތައް އެސައިޒަށް ބޮޑުވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ މަސައްކަތްކުރާ ފަރާތްތަކަށް ރަގަޅު އަގެއް ހޯދައިދިނުމަށްޓަކައި ރާއްޖޭގެ ހުއިފިލަނޑާގެ މާކެޓްއާއި ބެހޭ ދިރާސާއެއް ހެދުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްގެން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، އިފާޑާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން 5 އަހަރު ދުވަހުގެ މައްދަތަށް ހިންގާ ޕްރޮޖެކްޓެކެވެ. ހުއިފިލަނޑާ ދިރުވާ އާލާކުރުމަށް ލ.ދަނބިދުއާއި ކަލައިދޫން ވަނީ ޖުމްލަ 30 މީހުން ކަނޑައަޅާ، އެފަރާތްތަކަށް ލޯނު ހަމަޖައްސަ ދީފައެވެ. އަދި މިމަސައްކަތަށް ބޭނުންވާ ކޮށްޓާއި، ކުދިހުއިފިލަނޑާ ފޯރުވައިދީ، މިމަސައްކަތްކުރުމަށް ބޭނުންވާ ތަމްރީންވެސް ވަނީ ދީފައެވެ.
އެގޮތުން 3250 ކުދި ހުއިފިލަނޑާ އެ ފަރާތްތަކަށް ދީފައިވާ އިރު، އޭގެ ތެރެއިން %80އާއި %90އާ ދެމެދުގެ ޢަދަދަކަށް ހުއިފި ލަނޑާ ކާމިޔާބު ކަމާއި އެކު ބޮޑު ވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.