ޚަބަރު

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިރޭ އޮންނާނެ


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހުސްވިއަހަރުގެ އަހަރީ އާއްމު ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މިރޭ ނުވައެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގެ ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މިރޭ އަށްގަޑި ފަނަރައިން ފެށިގެން އަށްގަޑި ފަންސާސް ފަހަކަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އެމްޓީޑީސީން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިހިނގާ އޮގަސްޓްމަހުގެ ހަތާވީސް ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށްކަމަށެވެ. މި ޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާއިމެދު ގޮތެއް ނިންމުން އޮންނާނެއެވެ. 

އެމްޓީޑީސީއަށް ވަނީ މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި ހަތަރެއް ޕޮއިންޓް ފަހެއް މިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ. އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން ދެހާސް ހަވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.