ޚަބަރު

މާލޭގައި ބަހުގެ ޚިދުމަތްދިނުމަށް ޕްލޭނެއް އެކުލަވާލަނީ


މާލެއަށް އެންމެ ހަރުދަނާ ކަމާއިއެކު ބަހުގެ ހިދުމަތްދެވޭނެ ގޮތްތަށް ބަލާ، އެކަމާއި ގުޅޭ ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

އާއްމުންނަށް ބަރޯސާވެވޭނެ ފަދަ ގޮތަކަށް މާލެއަށް ބަހުގެ ޚިދުމަތް ދެވެން ފަށައިފި ނަމަ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެއްގަމުދަތުރުފަތުރުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ. މިމައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ކުރިން ވަނީ މާލޭގައި ޢާއްމު ބަސްދަތުރުގެ ޚިދުމަތް ދިނުމަށް، އެމްޓީޓީސީސީއާ ޙަވާލުކޮށްފައެވެ.

އެހެން ނަމަވެސް ބަހުގެ ޚިދުމަތްދޭން ނުފެށި ގިނަ ދުވަސްތަކެއް ވަމުންދާތީ އެމްޓީސީސީއާއި އެކު ވެފައިވާ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ. އަދި ބަހުގެ ޚިދުމަތްދޭން އެހެން ބަޔަކާއި ހަވާލުކުރުމަށްޓަކައި އޭގެ ކުރިން މާލޭގައި ބަހުގެ ޚިދުމަތްދެވޭނެ ރަގަޅު ޕްލޭންއެއް ތައްޔާރުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.

އަދި ޕްލޭން އެކުލަވާލެވުނުހާ އަވަހަކަށް ބަޔަކާއި އެމަސައްކަތް ހަވާލުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.