ކުޅިވަރު

ކިރަންގެ ފޯމާމެދު ނޭޕާލް ޤައުމީ ޓީމުން ކަންބޮޑުވެއްޖެ


ޓީސީ އަށް ކުޅެމުން އަންނަ ނޭޕާލްގެ ޤައުމީ ކީޕަރު ކިރަން ޗެމްޒޮންގެ ފޯމު ރަނގަޅުނޫން ކަމަށް ނޭޕާލްގެ ޤައުމީ ޓީމުން ބުނެފިއެވެ.

ކޯޗު ޔޮޓޯކޫ ކޯޖީ ބުނީ ކިރަން އަށް ވުރެ ދެންތިބި ކީޕަރުގެ ފޯމު މިވަގުތު ރަނގަޅު ކަމަށާއި، އެކަން އެގޮތަށް ދިމާވި މައިގަނޑު ސަބަބަކީ މިމަހުގެ ކުރީކޮޅު ޖަޕާނުގައި ބޭއްވި ތަމްރީނު ޕްރޮގްރާމުގައި ކިރަން އަށް ބައިވެރި ނުވެމުން ކަމަށެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅެން ތައްޔާރުވުމަށް ނޭޕާލް ޓީމުން ވަނީ ޖަޕާނުގައި 20 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް އެކުވެރިކަމުގެ ހަތަރު މެޗު ކުޅެފައެވެ. މި ޕްރޮގްރާމުގައި ކިރަން އަށް ބައިވެރިނުވެވުނީ އެދުވަސްވަރު ދިވެހި ޕްރެމިއާ ލީގުގައި ޓީސީގެ މުހިންމު މެޗުތަކެއް ހުރުމުންނެވެ.

ނޭޕާލް ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރެއިން ކިރަންގެ އިތުރުން ޖަޕާން ދަތުރުގައި ބައިވެރިނުވެވުނީ އިންޑޮނީޝިޔާ ލީގުގައި ކުޅެމުން އަންނަ މިޑްފީލްޑަރ ރޯހިތް ޗާންދް އަށެވެ.

ނަމަވެސް ކޯޗު ބުނީ ކުރިމަގުގައި ވެސް މި ކުޅުންތެރިންނަށް ޓީމުން ފުރުސަތު އޮންނާނެ ކަމަށާއި އެހެން ނަމަވެސް ޖަޕާން ކަހަލަ އޭޝިޔާގައި ފުޓްބޯޅަ ކުރިއަރާފައިވާ ގައުމެއްގައި ބޭއްވި ތަމްރީނުތަކުގައި ކިރަން އަށް ވެސް ބައިވެރިނުވެވުމަކީ ވަރަށް ބޮޑު ދެރައެއްކަމަށެވެ.

ޖަޕާން ދަތުރު ނިންމާލުމަށްފަހު ކުޅުންތެރިންނަށް ތިން ދުވަސް އަރާމު ކުރަން ދީފައި ނޭޕާލް ޓީމު ތަޖިކިސްތާނާ ދެކޮޅަށް ކުޅެން ތަމްރީނު ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ކުޅެން ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ޓީމު މިވަގުތު ތިބީ ގަތަރުގައެވެ.