ވިޔަފާރި

ފައިދާވާ ކުންފުންޏަކަށް، މިފްކޯ ހެދުމަށް ކުރާ މަސައްކަތް ކާމިޔާބު


ފައިދާވާ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހެދުމަށް ކުރަމުންގެންދާ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް، މިފްކޯގެ ބަލަދުވެރި ކުންފުނި އެސްޓީއޯއިން ހާމަކޮށްފިއެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގުމަށް ސަރުކާރުން ނިންމަވާފައިވަނީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގައެވެ.

ޕީއެސްއެމްނިއުސްގެ ޒިންމާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ޝަހީރު ވިދާޅުވީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހަމަޖެއްސެވުމާއެކު އެސްޓީއޯއިން އެންމެފުރަތަމަ ފެށީ، އެކުންފުނީގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކަމަށެވެ. އެއާއެކު އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ މަސްވެރިންގެ އަތުން މަސްގަތުމަށްފަހު މަސްވެރިންނަށް ނުދީހުރި ފައިސާ އެފަރާތްތަކަށް ދިނުންކަމަށެވެ.

އެސްޓީއޯއިން މިފްކޯއާ ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ދަރަނީގެ އަދަދު ދެ މިލިއަން ރުފިޔާއަށް އަރާކަމަށް އިކޮނޮމިކް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ޝަހީރު ވިދާޅުވީ، އެސްޓީއޯއިން މިފްކޯގެ ހިންގުމާއި ހަވާލުވިފަހުން، އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، މަސްވެރިންގެ ލާބައަށް މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. މިފްކޯއާ ހަވާލުވުމަށްފަހު އެސްޓީއޯއިން ވަނީ މަސްވެރިންގެ އަތުން ގަންނަ މަހަށް ވަގުތުން ފައިސާދޭން ފަށާފައެވެ. މީގެ އިތުރުން އެސްޓީއޯއިން ވަނީ މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ހެޔޮއަގުގައި ތެއޮ ވިއްކަންވެސް ފަށާފައެވެ. އެސްޓީއޯއިން މިފްކޯއާ ހަވާލުވުމަށްފަހު ދެފަހަރެއްގެ މަތިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފައިވާކަމަށް ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ، މިފްކޯގެ އިންފްރާސްޓަކްޗަރ ރަނގަޅުކޮށް ކުންފުނީގެ އޮޕަރޭޝަން ކުރިއަށްގެންދިއުމަށްޓަކައި ފިޝަރީޒް މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީން ފަންޑެއް ހަމަޖައްސަވައިދެއްވާފައިވާކަމަށެވެ. އަދި އެސްޓީއޯގެ އަމާޒަކީ، މަސްވެރިކަމުގެ ސީޒަން އަންނަން ވާއިރަށް މިފްކޯގެ އޮޕަރޭޝަންތައް ތަރައްޤީކޮށް ކެޕޭސިޓީ އިތުރުކުރަންކަމަށް ޝަހީރު ވިދާޅުވިއެވެ.

ސަރުކާރުން މިފްކޯ އުފެއްދެވީ، 1993ގައެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގުމަށް ސަރުކާރުން ނިންމެވި މައިގަނޑު ސަބަބަކީ، މިފްކޯގެ ދަރަނިތައް ކުޑަކޮށް އެކުންފުންނަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހެއްދެވުމެވެ.