ކުޅިވަރު

ޕޮއިންޓަކުން ކިންގްސް ބަލިކޮށް، ޗެމްޕިއަންކަން ޓީރެކްސްއަށް


ކިންގްސް ބީސީ ބަލިކޮށް، އެމްބީއޭ ޗެމްޕިއަންޝިޕް ޓީރެކްސް ކާމިޔާބުކޮށްފިއެވެ.

 މޮޅު ކުޅުންތެރިން ބެހިފައިވާ ވާދަވެރި ދެޓީމްގެ ފޯރިގަދަ ފައިނަލް މެޗު ޓީރެކްސް ކާމިޔާބުކުރީ ޕޮއިންޓެއްގެ ތަފާތުންނެވެ. ޓީރެކްސް މެޗު ކާމިޔާބުކުރީ 75 ޕޮއިންޓް، 74 ޕޮއިންޓުންނެވެ. ފުރަތަމަ ކްއާޓަރގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނެގީ ކިންގްސް ބީސީއެވެ. ނަމަވެސް ދެވަނަ ކްއާޓަރ ހަތް ޕޮއިންޓުން ޓީރެކްސް ކުރި ހޯދިއެވެ. ތިންވަނަ ކްއާޓަރ އަނެއްކާވެސް ތިން ޕޮއިންޓްގެ ލީޑަކާއެކު ކިންގްސް ކާމިޔާބުކުރިއެވެ. ފަހު ކްއާޓަރ ޓީރެކްސް ކާމިޔާބުކުރީ އެއް ޕޮއިންޓްގެ ތަފާތުންނެވެ. އެއާއެކު ޖުމްލަ ނަތީޖާގެ ފަރަޤަކީވެސް އެއް ޕޮއިންޓެވެ.

 ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޓީރެކްސްގެ އިބްރާހީމް ރަޝްވާންއެވެ. އޭނާ މެޗުގައި 17 ޕޮއިންޓް ހޯދައިދިނެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ދަ ބައުސް ސްޕޯރޓްސް ކްލަބްގެ އަބުދުﷲ އަމްޒަރު، ކިންގްސް ބީސީގެ މުޙައްމަދު ޒިލާލް، ރިޝްފާން ރަޝީދު، އަދި ޓީރެކްސްގެ އަހުމަދު ޒަބީރެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޓީރެކްސްގެ އަހުމަދު ހުޝާމެވެ.

img:http://s3.psmnews.mv/images/660x400/15049329270840.jpg|އަންހެން ޗެމްޕިއަން ޓައިޓޭންސް: ފޮޓޯ-ޕީއެސްއެމް

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓައިޓޭންސް ސްޕޯރޓްސް ކްލަބެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސައިކްލޯން ބާސްކެޓް ކަލަބާ ވާދަކޮށް 41-37 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ 19 ޕޮއިންޓް ހޯދައިދިން ޓައިޓޭންސް ސްޕޯރޓްސް ކްލަބްގެ އާމިނަތު ޝިއުރާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސައިކްލޯންގެ ނަޝްފާ އާމިރާ، ފާޠިމަތު ރިޝްމާ، ޓައިޓޭންސްގެ ޝިޒްނާ ރަޝީދު، އައިޝަތު ނާޒިމާ އަދި ހުސްނާ މުޙައްމަދެވެ.