ކުޅިވަރު

ކުޅުންތެރިން އީދު ޗުއްޓީ ނެގުމުން ޕްރެކްޓިސް ކުރިއަކަށް ނުދިޔަ!


އޭޝިޔަން ކަޕް ކޮލިފައިންގައި ރާއްޖެ އޮމާނާ ވާދަކުރި މެޗަށް އުރީދޫ ދިވެހި ޕްރިމިއަރި ލީގު މެދު ކަނޑާލުމުން ދިމާވީ އީދު ޗުއްޓީވެސް އޭގެ ތެރޭގައި ހިމެނޭ ގޮތަށެވެ. ޓީމްތަކުން އީދަށް 3 ދުވަހުގެ ޗުއްޓީއެއް ކުޅުންތެރިންނަށް ދޭ ގޮތަށް ނިންމި ނަމަވެސް އެކަން ބަދަލުވެގެން ދިޔައީ މުޅި އީދު ޗުއްޓީ ކުޅުންތެރިން ނަގާގޮތަށްކަމަށް ބައެއް ޓީމްތަކުން ބުނެފިއެވެ. 

ލީގު މިއަދު އަލުން ފަށާއިރު ޓީމްތަކަށް ވަނީ މިމައްސަލަ ކުރިމަތިވެފައެވެ. މިއަދު ހަވީރު ކުޑަހުވަދޫއާއި ދެކޮޅަށް ނިކުންނަ ތިނަދޫ ޓީމްގެ މާޓިނޭޒް ބުނީ ޓީމް މިވަގުތު އޮތީ އެންމެ ރަނގަޅު ހާލަތުގައިކަމަށް ބުނެވެން ނެތްކަމަށެވެ. ކުޅުންތެރިންނަށް އޭނާ 3 ދުވަހުގެ ބްރޭކެއް ދިންނަމަވެސް މުޅި ބްރޭކް އެއްކޮށް ކުޅުންތެރިން ނެގުމުގެ ކަންބޮޑުވުން އޭނާގެ އެބައޮތެވެ. ފުޓްބޯޅައިން ދުރުވެލާ އާއިލާއާއެކު ތިން ދުވަސް ހޭދަކުރަން ދިނުމުން ކުޅުންތެރިން ހަމަވީ ބްރޭކަށްފަހުކަމަށް ސްޕެއިންގެ ކޯޗު ބުންޏެވެ. 

" ތިން ދުވަހުގެ ބްރޭކެއް ދިނީ. އެކަމަކު ކުޅުންތެރިން ބްރޭކް އެއްކޮށް ނެގީ. އެހެން ޓީމްތައް ޕްރެކްޓިސް ކުރާތަންވެސް ފެނޭ. މިއީ ހަމައެކަނި ތިނަދޫއަށް ދިމާވި މައްސަލައެއް ނޫން. މިމައްސަލަ އެހެން ޓީމްތަކަށްވެސް ދިމާވި. ޤައުމީ ޓީމާއެކު ދިޔަ ކުޅުންތެރިންނާއި، ބްރޭކަށް ދިޔަ ކުޅުންތެރިން ހަމަމިވީ މެޗަށް " ކޯޗު ބުންޏެވެ.

މިރޭ ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުންނަ މިލަންދޫގެ ކޯޗު މުޙައްމަދު ނާސިރުވެސް ބުނީ ބްރޭކަށްފަހު ކުޅުންތެރިން ހަމަވެގެން ޕްރެކްޓިސް ކުރެވުނީ އެންމެ ދެ ދުވަހު ކަމަށެވެ. އެހެންކަމުން ލީގު ބްރޭކް ކުރިއިރު ޓީމް އޮތް ފޯމް ގެއްލިދާނެތީ އޭނާގެ ކަންބޮޑުވުން ބޮޑެވެ. 

" ފޯމްގަ އިންދަ ބްރޭކެއް މިއައީ. ބްރޭކަށްފަހު އަންނައިރު ކޮންސެންޓްރޭޝަން ދަށްވެދާނެކަމަށް މިބަލަނީ. ދެދުވަސް މިވީ އަދި ޓީމް އެކުގައި ޕްރެކްޓިސް ކުރާތާ. އެހެންވީމާ އެންމެ ރަނގަޅު ހާލަތުގައެއް ނޫން ޓީމް އޮތީ " ލީގުގައި ބޮޑަތި ޓީމްތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޓީމްގެ ކޯޗު ބުންޏެވެ.

އީދާ ގުޅިގެން ހުރިހާ ޓީމްތަކުންވެސް ކުޑަ ބްރޭކެއް ކުޅުންތެރިންނަށް ދިނެމެވެ. ނަމަވެސް އީދާ ދިމާކޮށް ކުޅުންތެރިން އެހެން މުބާރާތްތައް ކުޅެން ދިއުމާއި، ޗުއްޓީއަށް ދިއުމަކީ  ހިނގަމުން އަންނަ ކަމެކެވެ.