މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު، މިއަހަރުގެ ޓޫރިޒަމް އޯފް ސީޒަނުގައި ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ %5.5 އިތުރުވެފައެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާއްމުކޮށްފައިވާ ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައިމަހު ރާއްޖެއަށް 58936 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއާއެކު މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ ހަތްސަތޭކަ ހަތްދިހަހާސް ހަތްސަތޭކަ ފަނަރައަށް އަރާފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %40 އަކީ ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނެވެ. މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ޔޫރަޕުން ރާއްޖެއަށް 362354 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %10.8 އިތުރު ޢަދަދެކެވެ.
މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދެން އެންމެ ގިނަޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިއާ ޕެޝިފިކްގެ ޤައުމުތަކުންނެވެ. މި މުއްދަތުގެ ތެރޭގައި އޭޝިއާ ޕެޝިފިކްގެ ޤައުމުތަކުން ރާއްޖެއަށް 338838 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ޖުލައިމަހުގެ ނިޔަލަށް އެމެރިކާގެ ޤައުމުތަކުން 34183 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައިވާއިރު، މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އުޅެނީ، 27478 ގައެވެ.
ވަކިވަކި މާކެޓްތަކަށް ބަލާއިރު މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި، ޗައިނާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިޓަލީވިލާތް، އިންޑިއާ މިޤައުމުތައް ފާހަގަކޮށްލެވެއެވެ.
ޖުލައިމަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 39799 އެނދު ރަޖިސްޓްރީކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 37834 އެނދު އޮޕަރޭޓްކޮށްފައިވެއެވެ. މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ރާއްޖޭގައި ޖުމްލަގޮތެއްގައި 6.3 ދުވަސް ހޭދަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ސަރުކާރާއި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތައް ގުޅިގެން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.