ޚަބަރު

ކުނި ނެގުން އަވަސްކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި


މާލޭގެ ގޭބިސީތަކުން ކުނި އުކުމުގައި މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުނި ނެގުމުގެ ޚިދުމަތް އަވަސްކުރުމަށް ހުރި ދަތިތައްކަމަށް މިނިސްޓަރ އޮފް އެންވަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުނި ނެގުމުގައި ދިމާވާ މައްސަލަ ތަކުގެ ތެރޭގައި ގޭބިސީތަކުގައި މީހުން ނޫޅުމާއި ކުނިނެގުމުގައި ދިމާވާ ބައެއްކަން ހިމެނޭކަމަށެވެ.  

އޮގަސްޓްމަހުގެ އެއްވަނަ ދުވަހުންފެށިގެން ޤަވާޢިދާ ޚިލާފަށް ކުނިނަގާ ފަރާތްތަށް ހުއްޓުވާ ވެމްކޯއިން ވަނީ މާލޭގެ ކުނި ނެގުމާ ޙަވާލުވެފައެވެ. ޤަވާޢިދާ ޚިލާފަށް ކުނިއުކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އޮކްޓޯބަރުމަހުގެ އެއް ވަނަ ދުވަހު ފަށާއިރު ސެޕްޓެމްބަރު މަސް ނިމުމާ ހަމަޔަށް އިންޒާރު ދޭނެކަމަށް އެންވަރަމެންޓް މިނިސްޓްރީން ބުނެއެވެ. 

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުންފެށިގެން ޤަވާޢިދާ ޚިލާފަށް ކުނި އުކާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ގަވާޢިދާ ޚިލާފަށް ކުނި އުފުލާ ވެހިކަލްތަށް ފުލުހުންނާއި ގުޅިގެން ޓޯވް ކުރާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެންވަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ފާއިތުވި ދޮޅުމަސްދުވަހުގެ ތެރޭގައި ސަތާރަ ހާހަށް ވުރެ ގިނަ ގޭ ބިސީތަކުން ވެމްކޯގައި ރަޖިސްޓްރީވެފައިވާކަމަށެވެ.

ކުނި އުކާ ފަރާތްތަކުން ދައްކަންޖެހޭ ފީ ދެއްކުމަށް ފަސޭހަ ގޮތެއް ޢާއްމުނަށް ފަހިކޮށްދިނުމަށް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އިންޓަނެޓް މެދުވެރިކޮށް އަދި ތާޑް ޕާޓީ ފިހާރަތައް މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ ގޮތް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ކުނި އުކުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވާއިރު ޢާއްމުންގެ ފަރާތުން ލިބެމުން އައި އެންމެ ބޮޑު ޝަކުވާއަކީ، ކުނި އުކުމާ ގުޅޭގޮތުން ޝަކުވާ ހުށައެޅުމަށް ވެމްކޯއަށް ނުގުޅޭ މައްސަލަކަމަށާއި މިހާރު އެމައްސަލަ ޙައްލުވެ 98 އިންސައްތަ ފޯން ކޯލްތަކަށް ޖަވާބު ދެވޭކަމަށެވެ. އަމިއްލަ ގޮތުން ކުނި އުކުމަށް އެވްރެޖްކޮށް އެގާރަ ހާސް މީހުން ރެޖިސްޓަރ ވެފައިވެއެވެ. މުޅި މާލެއިން ޖުމްލަ އަށާރަހާސް ދުއިސައްތަ ގޭބިސީތަކުން ކުނި ނެގުމަށް ރަޖިސްޓްރީވެފައިވެއެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5 މީހުން މިހާރު ރަޖިސްޓްރީ ވާކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ.