ޚަބަރު

ކުރިއަށް އޮތް 3 މަހު ރާއްޖޭގެ އުތުރަށް ވިއްސާރަކުރުން އިތުރުވާނެ!


ދެކުނު އޭޝިއާގެ ޤައުމުތަކުގެ މޫސުން ކުރިއަށް އޮތް ދެތިން މަހަށް ލަފާކުރާގޮތްބެލުމާއި އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްގެންދިޔަ ފޯރަމްގައި ތައްޔާރުކުރި ފޯކަސްޓް ސްޓޭޓްމެންޓުން ކުރިއަށް އޮތް އޮކްޓޯބަރު ނޮވެމްބަރު އަދި ޑިސެމްބަރު މަހު ރާއްޖޭގެ އުތުރަށް ކުރާ ވިއްސާރަ އެހެން އަހަރުގެ އެމަސްމަހާ އަޅާބަލާއިރު އިތުރުވާނެކަމަށް ލަފާކޮށްފިއެވެ.

މިފޯކާސްޓް ސްޓޭޓްމެންޓް ތައްޔާރުކުރުކޮށްފައިވަނީ މިހާރު ދުނިޔޭގެ ކްލައިމެޓް ސިސްޓަމްތަކަށް އަސަރުކުރާ ކަންތައްތަކާއި އެސިސްޓަމްތަކަށް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތަކަށް ބެލުމަށްފަހު މިސަރަޙައްދާއި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ތައްޔާރުކުރާ ކްލައިމެޓް މޮޑެލްތަކަށް ބެލުމަށްފަހު މިސަރަޙައްދުގެ މޫސުމާއިބެހޭ ތަޖުރިބާކާރުންގެ އިރުޝާދުގެމަތިންކަމަށް މޯލްޑިވްސް މިޓޮރޮލޮޖިކަލް ސާރވިސްއިން މައުލޫމާތުދެއެވެ.

މޯލްޑިވްސް މިޓޮރޮލޮޖިކަލް ސާރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. ޒާހިދު ވިދާޅުވީ އިރުވައި މޫސުމުގައި ފެންނަށްޖެހުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ އުތުރުގެ އަތޮޅުތަކަށްކަމަށާއި މި ފޯކާސްޓްގެ ސަބަބުން އެމައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.

މިމަހުގެ 25ހުން 27ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ދެކުނު އޭޝިއާގެ މޫސުމާއި ބެހޭ އޮފީސްތަކާއި މޫސުމާއިބެހޭ ދާއިރާގެ ފަންނީ ބޭފުޅުންނާއި ދުނިޔޭގެ އަދި ސަރަޙައްދީ ފެންވަރުގެ ކްލައިމެޓް ސެންޓަރުތަކުން ބައިވެރިވެފައިވެއެވެ. އަދި މިބައްދަލުވުން ރާއްޖޭގައި ބާއްވާފައިވަނީ ދުނިޔޭގެ މޫސުމާއި ބެހޭ ޖަމްޢިއްޔާ (ޑަބްލިއު.އެމްއޯ) އާއި ރީޖަނަލް އިންޓަރގްރޭޓެޑް މަލްޓިހަޒަރޑް އަރލީ ވަރނިންގ ސިސްޓަމް ފޯރ އޭޝިއާ އެންޑް އެފްރިކާ (ރިމްސް) އާއި ކެނެޑާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކުގައިކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.