ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަކީ ރާއްޖޭގެ އިޤްތިޞާދު މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަށް އެންމެ އެކަށޭނެ އެޖެންޑާކަމަށް، ތައިލެންޑްގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސް ކޮބްކާން ވަޓަނަވަންގ ކުލް ވިދާޅުވެއްޖެއެވެ.
ތައިލެންޑުގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސް މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު ދިވެހި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކުފުޅު ދައްކަވަމުން ތައިލެންޑްގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސް ކޮބްކާން ވަޓަނަވަންގކުލް ވަނީ ސަރުކާރުން ގެންގުޅުއްވާ އިގްތީސާދީ ސިޔާސަތަށް ތައުރީފުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކަމަށް އެނާ ވިދާޅުވިއެވެ.
ސަރުކާރުގެ އިޤްތިސާދީ އެޖެންޑާގެ ދަށުން ސަރުކާރުން ވަނީ މި ދައުރު ނިމެންވާއިރަށް ފަންސާސްހާސް އެނދު މާކެޓަށް ނެރުމަށް ނިންމާފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އެއްބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުއެއް މިހާރު އަންނަނީ ހިނގަމުންނެވެ. މި މަޝްރޫޢުތަކަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ކޮބްކާން ވިދާޅުވީ، މިއީ ރާއްޖޭގެ ތަރައްޤީގެ ކުރިމަގަށް ރައީސް ޔާމީން އެޅުއްވި މުހިއްމު ފިޔަވަޅުތަކެއްކަމަށެވެ. އަދި ސަރުކާރުން ކުރައްވަމުންގެންދާ ތަރައްޤީގެ މަސައްކަތްތައް ކާމިޔާބުކުރުމަށް ތައިލެންޑްގެ އެއްބާރުލުން އަބަދުވެސް ދެއްވާނެކަމަށް ކޮބްކާން ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސައީދު ވިދާޅުވީ، ތައިލެންޑާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ވަރަށް ގިނަ ވިޔަފާރީގެ ފުރުސަތުތައް އިތުރުވަމުން އަންކަމަށެވެ. އަދި ތައިލެންޑްގެ އިންވެސްޓްމަންޓްތައް އިތުރުވަމުން އަންކަމަށްވެސް ފާހަގަކުރެއްވިއެވެ. ތައިލެންޑުގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސް ކޮބްކާން ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި އެނާ ވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސައީދާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ވިޔަފާރީގެ އެކިއެކި ދާއިރާތައް ކުރިއެރުވުމާއި ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ. ތައިލެންޑަކީ ދިވެހިރާއްޖެއަށް އެންމެގިނައިން މުދާ އެތެރެކުރާ އެއް ޤައުމެވެ. އަދި ތައިލެންޑަކީ ދިވެހިރާއްޖެއިން އެންމެ ގިނަ އަދަދަކަށް މަހުގެ ބާވަތްތައް ބޭރުކުރާ އެއް ޤައުމުކަންވެސް ފާހަގަކޮށްލެވެއެވެ.