ވިޔަފާރި

ނޮވެމްބަރުން ފެށިގެން ޑޮލަރު ބުކިންގ ހެދޭނީ އޮންލައިންކޮށް އެކަނި


އޮންލައިން ބުކިންގ ސިސްޓަމްގެ ކާމިޔާބާއެކު ބީއެމްއެލްއިން އަންނަ މަހުން ފެށިގެން ބްރާންޗްތަކުން ޑޮލަރު ބުކިންގ ހެދުން ހުއްޓާލުމަށް ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ބުރާންޗްތަކުން ޑޮލަރު ބުކިންގ ހެދުން ހުއްޓާލި ނަމަވެސް އޮންލައިންކޮށް ބުކިންގ ހެދުމަށް ދަތިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ ކަސްޓަމަރުންނަށް ބްރާންޗްތަކުން ޑޮލަރު ބުކިންގ އަދިވެސް ހަދައިދެމުން ދާނެކަމަށެވެ. އަދި ހަނިމާދޫ އާއި ގަން އެއަރޕޯޓުން ފުރާ ކަސްޓަމަރުންނަށް އެއަރޕޯޓާއި އެންމެ ކައިރި ބްރާންޗަކުން ޑޮލަރު ބުކިންގ ހެދުމުގެ ޚިދުމަތް އަދިވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ޔޫއެސް ޑޮލަރު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްއިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮންލައިންކޮށް ޑޮލަރު ބުކްކުރެވޭނެ ސިސްޓަމެއް ވަނީ ތަޢާރަފްކޮށްފައެވެ.

މި ސިސްޓަމް ތަޢާރަފްކުރުމާއެކު ދަތުރުވެރިން ޑޮލަރު ގަތުމަށް ބޭންކްގެ ބްރާންޗްތަކުގައި ކިޔޫގައި ޖެހިގެން ތިބެން ނުޖެހި، ފުރުމުގެ ކުރިން އެއަރޕޯޓުން ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔުންވީ މި ނިޒާމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑުވި ސަބަބަކަށެވެ.