ދިވެހިރާއްޖޭގެ ނޫސްވެރިކަމަކީ އިސްލާމީ ޝަޚްސިއްޔަތާއި، ދިވެހިވަންތަކަމަށް އިޙްތިރާމްކުރާ ވެއްޓެއްގެ ގޮތުގައި މަސައްކަތްކުރާ ދާއިރާއަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ފަސް މުޢައްސަސާއަކުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިފަހުމުނާމާގައި ސޮއި ކުރެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަބްދުލް މުއީދް ހަސަނާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ރައީސް މުހައްމަދު ޝަހީބާއި، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ހައްވާ ލަތީފް އަދި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ސީއޯއޯ މުހައްމަދު ސައީދެވެ.
ތިން އަހަރު ދުވަހަށް ސޮއިކުރެވުނު މި ފަހުމުނާމާގައިވާ މަޤުޞަދުތަކާއި އަމާޒުތައް ހާސިލްކުރުމަށްޓަކައި ފަހުމުނާމާގައި ސޮއިކޮށްފައިވާ ފަސް މުއައްސަސާއިން ގުޅިގެންނާއި އަދި ވަކިވަކިންވެސް ބައެއް މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފައެވެ.
މި ފަހުމުނާމާގެ މަޤްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމުގައި އިސްލާމީ ޝަޚުސިއްޔަތާއި، ދިވެހި ޤައުމިއްޔަތާއި، ދިވެހި ބަހުގެ ސިޔާދަތު ދަމަހައްޓައި، ނޫސްވެރިކަމުގެ ވެއްޓަކީ ދިވެހިވަންތަކަމަށް އިޙުތިރާމްކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް މަސައްކަތްކުރުމާއި ދިވެހި ނޫސްވެރީންނަކީ ނޫސްވެރިކަމާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި ހަމަތަކަށް އަހުލުވެރި، ގާބިލު ބައެއް ކަމުގައި ހެދުމާއި ނޫސްވެރިކަމުގެ ތަންޒީމީ އޮނިގަނޑު ހަރުދަނާކުރުން ހިމެނެއެވެ.
މި ފަހުމުނާމާގެ އަމާޒުތަކުގެ ތެރޭގައި ލިއުންތެރިކަމާއި، މީޑިއާގައި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝަޚުސިއްޔަތާއި، ދިވެހިރާއްޖޭގެ އަހުރަވެތި ޤައުމިއްޔަތާއި، ދިވެހިންގެ ފަޚުރުވެރި މާދަރީބަސް ހެޔޮ ގޮތުގައި ދެމެހެއްޓުމުގެ އިތުރުން އިސްލާމީ އުސޫލުތަކަށާއި ދިވެހި ޤައުމިއްޔަތަށާއި ދިވެހި ބަހަށް ނޫސްވެރިން އަހުލުވެރިކުރުވުން ހިމެނެއެވެ. މީގެ އިތުރުން ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދޭނެ ޒިންމާދާރު ނޫސްވެރީން އުފެއްދުމާއި، އިސްލާމް ދީނަށާއި ދިވެހި ގައުމިއްޔަތަށާއި ދިވެހި ބަހަށް އުނިކަމެއް އަތުވެދާނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް "ހެޔޮ ނޫސްވެރިކަމުގެ ވައުދު"ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ހިންގުން ހިމެނެއެވެ.
މިފަހުމުނާމާގެ އަމާޒުތަކުގެ ތެރެއިން މުހިންމު ކަމެއްގެ ގޮތުގައި ދިވެހި ބަހަށް އަހުލުވެރި ނޫސްވެރިން އުފެއްދުމާއި، މީޑިއާގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ޢިލްމީ ދިރާސާތައްކޮށް ނޫސްވެރިކަމުގެ ވެށި އިސްލާހުކުރުން ހިމެނެއެވެ.