ޓުއަރިޒަމް

ބަރެސްދޫގައި ގެސްޓްހައުސް އެޅުމުގެ ހުއްދަ 3 ފަރާތަކަށް ދީފި


ލ.ބަރެސްދޫގައި ގެސްޓްހައުސް އެޅުމުގެ ހުއްދަ 3 ފަރާތަކަށް ދީފިއެވެ.

މި ފަރާތްތަކަށް ގެސްޓް ހައުސް އެޅުމުގެ ހުއްދަ ދިންކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދުއެވެ. މިރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، މިއަދު ލިޔުން ހަވާލުކުރި ތިން ފަރާތަކީ ބަރެސްދޫގައި ގެސްޓްހައުސް އަޅަން ޝައުގިވެރިކަން ފާޅުކޮށް، އެކަމަށް ފޯމް ހުށައެޅި ފަރާތްތަކުގެ ތެރެއިން ފުލް މާކްސްލިބުނު ފަރާތްތަކަށް ކަމަށެވެ. އަދި މިފަރާތްތަކުން ފުލްޕޭމަންޓް މިހާރު ދައްކާފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ގެސްޓްހައުސް އަޅަން ހުއްދަދެނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށާއި، މާކްސް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ހުށަހަޅާ އެޑްވާންސް ކުލީގެ މިންވަރާއި އެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ މިންވަރަށް ކަމަށެވެ. މިއަދު ލިޔުން ހަވާލު ކޮށްފައި ވަނީ 10،000 އަކަފޫޓުގެ ގެސްޓްހައުސްއަކާއި 5000 އަކަފޫޓުގެ 2 ގެސްޓްހައުސް އެޅުމަށެވެ. ޝާހިދު ވިދާޅުވީ، ބަރެސްދޫގެ އަމަލީ މަސައްކަތް ނޮވެންބަރު މަހުގަ ފެށުމަށް މަސައްކަތް ކުރާ ކަމަށާއި އަދި މަސައްކަތް ފެށުމަށްފަހު 18 މަސް ދުވަހުގެ ތެރޭގައި ރަށް ހުޅުވުމަށް މަސައްކަތް ކުރާނެކަމަށެވެ.

ލ. ބަރެސްދޫގައި ގެސްޓްހައުސް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހަށް ވަނީ ހުޅުވާލާފައެވެ. ބަރެސްދޫ ތަރައްގީ ކުރަނީ 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ 3 ހޮޓާ ވެސް ހުންނަ ގޮތަށެވެ. މިރަށް ޑިޒައިން ކޮށްފައިވާ ގޮތުން ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުންނާނެއެވެ. މިރަށުގައި ހުންނަ ގެސްޓްހައުސްތަކަކީ 35 ކޮޓަރި އާއި 60 ކޮޓަރީގެ ތަންތަނެވެ. މި ރަށުގައި ޖުމްލަ 1500 އެނދު ހުންނާނެއެވެ. އަދި މިރަށް ޑިޒައިންކޮށްފައިވަނީ  އެއްފަހަރާ ތިންހާސް  ޓޫރިސްޓުންނަށް ޚިދުމަތް ދެވޭނެ ފަދަ ގޮތަކަށެވެ.