ޚަބަރު

މަޖީދީމަގުގެ ފަހު ސެގްމަންޓުގެ މަސައްކަތް ފަށައިފި


މާލެ ސިޓީގެ މަގުތަކަކީ ބޭނުންކުރަން ފަސޭހަ، ރައްކާތެރި މަގުތަކަކަށް ހެދުމަށްޓަކައި، ހައުސިން މިނިސްޓްރީން އަންނަނީ މަޖީދީ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންނެވެ. އެގޮތުން މިހާރުވަނީ އެ މަގުގެ މަސައްކަތުގެ ބޮޑުބައެއް އެއްކޮށް ނިންމާ ބޭނުންކުރަން ފަށާފައެވެ.

މާލެ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށްގެންދަނީ ނުވަ ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެންމެ ފަހު ސެގްމަންޓްގެ މަސައްކަތުގެ ތެރެއިން ކާސިންޖީ މަގާއި ހެންވޭރު ބޯޅަދަނޑުގެ ހުޅަނގު ކަންމައްޗާ ގުޅޭ ހިސާބުގެ މަސައްކަތެވެ. އަދި މި މަސައްކަތުގެ ތެރެއިން ހެންވޭރު ބޯޅަ ދަނޑުގެ ހުޅަނގު ކަންމަތިން ފެށިގެން ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗާ ހަމައަށްވީ ސަރަޙައްދުގެ މަސައްކަތްވެސް ހަފްތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މަޖީދީމަގުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު ޢަލީ ވިދާޅުވީ، މިހާރު ކުރިއަށްދަނީ މަޖީދީ މަގުގެ އެންމެ ފަހު ސެގްމެންޓުގެ މަސައްކަތް ކަމަށާއި، މަގުގެ ބާކީ ނުނިމިވާ ސަރަޙައްދުގެ މަސައްކަތާއެކު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އަންވަރު ވިދާޅުވީ މަޖީދީމަގުގެ މަސައްކަތަކީ ރައްޔިތުންނާ ގުޅުންހުރި ބޮޑު މަސައްކަތަކަށްވާއިރު، މި މަސައްކަތް ކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް މިނިސްޓްރީގެ ފަރާތުން ޝުކުރުއަދާކުރާ ކަމަށެވެ.

މަޖީދީމަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ޑްރެއިނޭޖް ސިސްޓަމްތައް ހަރުކޮށް، މިހާރު ހުރި ކާނުތަކުގެ ސައިޒް ދެގުނައަށް ވަނީ ބޮޑުކޮށްފައެވެ. މީގެއިތުރުން ދުވާރާއި، މަގުތަކުގައި އަތުރާފައިވާ ގާތައް އާކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ދުވާރުތައް ވަނީ ބަދަލުކޮށްފައެވެ.

ހައުސިންގ މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި މަޖީދީމަގުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މި މަޝްރޫޢުގެ ދަށުން މާލޭ 13 މަގެއް މަރާމާތުކުރުމަށް ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.