ނ. އަތޮޅު ލަންދޫ ސްކޫލަށް ފަންސާސް އަހަރު ފުރުން ފާހަގަކޮށްފިއެވެ.
ލަންދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް އެސްކޫލްގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ. ލަންދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން މިނިސްޓަރު އައިޝަތު ޝިހާމްވަނީ ރަންޔޫބީލް ގޭޓު ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. ގޭޓު ހުޅުވައިދެއްވުމުގައި މިނިސްޓަރާއެކު އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާރ ޕޮލިސީ އެގްޒެކްޓިވް އިބްރާޙިމް އިސްމާޢިލް ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
ލަންދޫ ސްކޫލުގެ ގޯލްޑަން ޖުބިލީ ޖަލްސާ އިފްތިތާޙްކޮށްދެއްވާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި ސްކޫލެއްގެ އަހަރީ ދުވަހަކީ މުހިއްމު ދުވަހެއްކަން ފާހަގަކުރައްވާ، ތަޢުލީމު ދިނުމުގައި ބައި ޤަރުނު ހޭދަކުރުމަކީ ޚާއްސަ އުފަލެއްކަމަށެވެ. ފާއިތުވި ހަތަރު އަހަރު، ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް ބޭނުންވާނެ، ޢިލްމާއި ހުނަރު ލިއްބައިދޭނެ މަންހަޖެއް ފަރުމާކުރެވި، ދެހާސް ފަނަރަވަނަ އަހަރުންފެށިގެން ބޭނުންކުރަމުން އަންނަކަމަށެވެ.
img:http://s3.psmnews.mv/images/660x400/15085746511156.jpg|ަލަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލަންދޫ ސްކޫލުގެ ހެޑް އޮފް ސްކޫލް ޢަބްދުﷲ އާމިރު ވިދާޅުވީ، މުޅި ރާއްޖެއިންވެސް ތިންވަނައަށް ހުރިހާ ކްލާސް ރޫމެއް ޑިޖިޓަލްކުރި ސްކޫލަކީ ލަންދޫ ސްކޫލްކަމަށެވެ. އަދި މިއީ މާލޭގެ އެންމެ ޒަމާންވީ މަޖީދިއްޔާ ސްކޫލަށްވުރެވެސް ކުރިން ލަންދޫ ސްކޫލުން ހާސިލްކުރި ކާމިޔާބެއްކަމަށް ޢަބްދުﷲ އާމިރު ވިދާޅުވިއެވެ.
ލަންދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާގައި އެ ސްކޫލަށް ގިނަ ދުވަސްތަކެއްވަންދެން ޙިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކުރިއެވެ. ލަންދޫ ސްކޫލަކީ 28 ފެބްރުއަރީ 1967 ގައި އޭރުގެ ލަންދޫ ކަތީބް އަލްމަރްޙޫމް މޫސާ ޔޫސުފުގެ މަސްޢޫލުވެރިކަމުގެ ދަށުގައި މަކްތަބުއް ނަޖާޙްގެ ނަމުގައި، އޭރުގެ ވުޒާރަތުލް މަޢާރިފު (ނ)ގައި ރަޖިސްޓްރީކޮށްގެން ހިންގަމުންއައި ސްކޫލެކެވެ. އެ ސްކޫލުގެ ބާނީއަކީ އަލްމަރުޙޫމު މޫސާ ޔޫސުފެވެ.