އދ.މަހިބަދޫގައި ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން ދެ މަގެއްގެ މަސައްކަތް މުޅިން ނިމިފައިވާކަމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ން ބުނެފިއެވެ.
އެމްއާރުޑީސީއާ ޙަވާލުކޮށްގެން ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މަހިބަދޫގެ ވިހި މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި މިހާރު މަސައްކަތް މުޅިން ނިމިފައިވާ ދެމަގަކީ އެރަށު އޯކިޑްމަގާއި، މިސްކިތްމަގެވެ.
އެމްއާރުޑީސީން ބުނީ މިހާރު ގާ އެޅުމުގެ މަސައްކަތް ކުރަމުންދަނީ އެ ރަށު އަމީނީ މަގުގައި ކަމަށާއި، ކުރިއަށް އޮތް ދެހަފްތާއެއްގެ ތެރޭގައި، މިމަގުގެ މަސައްކަތްވެސް މުޅިން ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.
އެ ކުންފުނިން ބުނީ މަގުތަކުގައި ގާ އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އެހެން މަގުތަކުގައި ކަރބްލައިން ޖެހުމާއި، ވަޅުލަންޖެހޭ ހޮޅިތައް ވަޅުލުން ފަދަ ކަންތައްތައް ކުރިއަށްދާނެކަމަށެވެ. މިހާރުވެސް އެރަށު ސުވާސާ މަގުގައި ކަރބްލައިން ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއާރުޑީސީން ބުނެއެވެ.
އެމްއާރުޑީސީން ފާހަގަކުރާ ގޮތުގައި މަސައްކަތް ގެންދަންވީ އެންމެ ހަލުވި ދުވެލީގައި ކުރިއަށް ނުގެންދެވި ލަސްވަމުންދަނީ ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެގޮތުން ބޯކޮށްވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ކިސަޑު ހެދިފައިވުމަކީ ދިމާވާ އުނދަގުލެއްކަމަށް އެފަރާތުން ފާހަގަކުރެއެވެ.
މަހިބަދޫ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ދަޢުލަތުގެ ބަޖެޓުން 27 މިލިއަނަށްވުރެ ގިނަރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެންމެ ޒަމާނީ ފެންވަރުގައި ރާއްޖޭގެ ރަށްތަކުގެ މަގުތައް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަކީ ފަހުގެ ތާރީޚެއްގައި ހިންގަމުން އަންނަ އެންމެ ބޮޑު އެއް މަޝްރޫޢެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާކުރެވިގެން ކުރިއަށްގެންދާ މި މަޝްރޫޢާއެކު މިހާރުވެސް ވަނީ ގިނަ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި އެމަގުތައް ބޭނުންކުރަން ފަށާފައެވެ.
އެގޮތުން އެމްއާރުޑީސީން ގެންދަނީ ގިނަ ރަށްތަކެއްގައި މަގުހެދުމުގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. އޭގެތެރޭގައި ހއ.ދިއްދޫއާއި ހދ.ކުޅުދުއްފުށްޓާއި ލ.ފޮނަދުއާއި ރ.މީދުއާއި އެއަތޮޅު އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.