ޚަބަރު

ޖަޕާން ދަތުރަށްފަހު ފޮރިން މިނިސްޓަރު ރާއްޖެވަޑައިގެންފި


ރާއްޖެއާ ޖަޕާނާ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މަޤްސަދުގައި ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގެންފިއެވެ.

މި މަހުގެ ފަނަރަވަނަ ދުވަހު ފޮރިން މިނިސްޓަރު ޖަޕާނަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖެއާ ޖަޕާނާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރިތާ ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައިވަނީ ޖަޕާނުގެ ބޮޑު ވަޒީރުގެ ނާއިބު ތާރޯ އާސޯއާ ބައްދަލްކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު އާސިމް ވަނީ ޖަޕާނުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. ޓާރޯ އާސޯއަކީ ޖަޕާނުގެ ބޮޑުވަޒީރުގެ ނާއިބުގެ އިތުރުން އެޤައުމުގެ ފިނޭންސް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.

ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު އާސިމް ވަނީ ރާއްޖޭގެ މިހާރުގެ ސަރުކާރުން ޤައުމަށް ގެންނަމުންދާ ތަރައްޤީއާ ބެހޭ ގޮތުން ޖަޕާނުގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވާ، ޖަޕާނުގެ މީޑިއާތަކުން ރާއްޖެއާމެދު ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. މީގެ އިތުރުން މިނިސްޓަރު އާސިމް ވަނީ ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއާސް (ޖޭއޯސީވީ)ގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާސިމް ވަނީ އެމަނިކުފާނު ޖޭއޯވީސީން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.