ވިޔަފާރި

ތިންވަނަ އެސްއެމްއީ ފޯރަމް ކުޅުދުއްފުށީގައި ފަށައިފި


ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީންކުރިއަށްގެންދާ އެސްއެމްއީ ފައިނޭންޝަލް ފޯރަމްގެ ތިންވަނަ ބައްދަލުވުން ހދ.ކުޅުދުއްފުށީގައި ފަށައިފިއެވެ.

ރީޖަނަލް އެސްއެމްއީ ފައިނޭންޝަލް ފޯރަމްގެ މައިގަނޑުބޭނުމަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށާއި، މިހާރު ފަށާފައިވާ ވިޔަފާރިތަކަށް ފައިނޭންސް ހޯދާނެގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމެވެ. ހދއަތޮޅުގެ 150 ފަރާތަކުން މި ފޯރަމްގައި ބައިވެރިވެފައިވާކަމަށް އިކޮނޮމިކްމިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކުޅުއްދުއްފުށީގައި ފެށި މި ފޯރަމްގެ މެންދުރުކުރީގެ ދަންފަޅި ޚާއްސަކޮށްފައިވަނީ ރާއްޖޭގެ ބޭންކުތަކުން ފައިނޭންސްފޯރުކޮށްދޭ ގޮތްތަކާއިބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށެވެ. މީގެ ތެރޭގައި އިސްލާމިކް ބޭންކާއި ބެންކް އޮފް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް މަނިޓަރީއޮތޯރިޓީންވެސް މަޢުލޫމާތު ޙިއްސާ ކުރާނެއެވެ. މެންދުރު ފަހުގެ ދަންފަޅިގައި ކުރިއަށްދާނީ ނެޓްވޯކިންގ ސެޝަންތައްކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ މިފަދަ ފޯރަމެއް އައްޑޫ ސިޓީގެ ހިތަދޫއާއި މީމު އަތޮޅު މުލަކުގައިވެސް ބާއްވާފައެވެ. މިފޯރަމްތަކުން ވިޔަފާރިތަކަށް މިހާރު ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މުޅި ރާއްޖެ ޝާމިލްވާގޮތަށް އަންނަ އަހަރުގެ ތެރޭގައި ނޭޝަނަލް އެސްއެމްއީފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.