ކުޅިވަރު

ޤައުމީ ޓެނިސް މުބާރާތް ކާމިޔާބުކުރީ އިރުފާއާއި ފާއިހު


48 ވަނަ އެސްޓީއޯ ނިޕޯން ޕެއިންޓް ޤައުމީ ޓެނިސް މުބާރާތުގެ އޯޕަންސް ޗެމްޕިއަންކަން އަބުދުﷲ ފާއިހު ފަޒީލްއާއި އާމިނަތު އިރުފާ މާހިރު ހޯދައިފިއެވެ.

 ފިރިހެން އޯޕަން ސިންގަލްސްގެ ޗެންޕިއަންކަން އަބުދުﷲ ފާއިހު ފަޒީލް ހޯދީ ފައިނަލްގައި ޝާޢީން ވަހީދު ބަލިކޮށްގެންނެވެ. އަންހެން އޯޕަންސް ސިންގަލްސް ޗެންޕިއަންކަން އާމިނަތު އިރުފާ މާހިރު ހޯދީ ފައިނަލްގައި މަރިޔަމް ހަޝްމާ ހާނިމް ބަލިކޮށްގެންނެވެ. ފިރިހެން ޑިވިޝންގެ ޗެމްޕިއަންކަން ހޯދި އަބްދުﷲ ފާއިހު ފަޒީލް ބުނީ މުބާރާތުގެ ތާވަލް އޮތް ގޮތުން މިފަހަރުގެ މުބާރާތުގައި ވަރަށް ވަރުގަދަ މެޗުތަކެއް ކުޅެން ޖެހުނުކަމަށެވެ. އަދި ފައިނަލާ ހިސާބަށް އާދެވި، ފައިނަލް މެޗު ކާމިޔާބުކުރެވުނީ ފައިނަލް މެޗްގެ ކުރިން ވާދަވެރި މެޗުތަކެއް ކުޅެ، އިތުބާރު ލިބުމުގެ ސަބަބުންކަމަށެވެ.

" މީގެ ކުރިން އެއްވެސް ފައިނަލެއްގައި ޝާޢީން ވަހީދުއާ ވާދަކޮށްފައެއް ނުވާނެ، އެހެން ވީމަ ފައިނަލް މެޗް ދިޔައީ ވަރަށް ވަރުގަދަކޮށް. މެޗުގެ އެއްވެސް ހިސާބެއްގައި މެޗުން މޮޅުވުމުގެ ފުރުސަތު ލިބިފައެއްނުވޭ. މެޗުން މޮޅުވީ ހަމައެންމެ ފަހުވަގުތު ކުރި މަސައްކަތުން. އަދި މުބާރާތުގައި ދެއްކުނު ކުޅުމާއި މެދުވެސް ވަރަށް ހިތްހަމަޖެހޭ. އެއީ ކޮންމެ މެޗެއްވެސް ވަރަށް ވާދަވެރިކޮށް ގޮސްގެން ފައިނަލާއި ހިސާބަށް އާދެވުމުން." ފައިނަލަށްފަހު ފާއި ބުންޏެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ސިގަލްސް ޗެންޕިއަންކަން ހޯދީ އައިޝަތު ތާރާ ނައީމްއެވެ. އައިޝަތު ތާރާ ނައީމް ޗެންޕިއަންކަން ހޯދީ ފައިނަލްގައި ލަޔާން މުހައްމަދު ޝާމީން ބަލިކޮށްގެންނެވެ.

މިމުބާރާތުގައި މިފަހަރު 96 ކުޅުންތެރިން ވާދަކުރިއެވެ.