މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ބުރޫއެރި ނަމަވެސް، މިހާރު ޝެޑިއުލާއެއްގޮތަށް އުދުހުންތައް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ހެޑް އޮފް ގްރައުންޑް އޮޕަރޭޝަންސް އަހުމަދު އިބްރާޙިމް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މެންދުރު ވަގުތު މާލެއާއި އުތުރުގެ އަތޮޅުތަކަށް ކުރިމަތިވި ވިއްސާރައިގެ ސަބަބުން ފްލައިޓުތަކުގެ ދަތުރުތަކަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ އެއާރޕޯޓަކުންވެސް އެތެރޭގެ އުދުހުންތައް ޝެޑިއުލާ އެއްގޮތަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅިވިއެވެ.
"އެތެރޭގެ އުދުހުންތައް ބަރާބަރަށް މިހާރު ކުރިއަށްދަނީ. އެކަމަކު މެންދުރު އައި ޑިލޭ އެބައުޅޭ ގާތްގަނޑަކަށް އެއްގަޑިއިރާ ދެގަޑި އިރުގެ" އަހުމަދު އިބްރާޙިމް ވިދާޅުވިއެވެ.
އަހުމަދު އިބްރާޙިމް ވިދާޅުވީ، ބައިނަލްއަޤްވާމީ ދަތުރުތަކުގައި ކުރިމަތިވި ޑިލޭގެ ސަބަބުން މާލެއިން ޓްރިވެންޑްރަމަށް ކުރަން އޮތް މޯލްޑިވިއަންގެ ދަތުރު މިރޭގެ 11:00 އަށް ލަސްކޮށްފައިވާ ކަމަށެވެ.
"ޓްރިވެންޑްރަމްގެ ދަތުރު ލަސްކޮށްލީ އެކޮޅުގެ މޫސުން ރަނގަޅު ނުވުމުން. މިރޭ ފްލައިޓް ދަތުރުކުރާއިރު އެ ސަރަޙައްދުގެ މޫސުން ރަނގަޅުވާނެކަމަށް މަޢުލޫމާތު ލިބިފައިވޭ،" އަހުމަދު އިބްރާޙިމް ވިދާޅުވިއެވެ.
އަހުމަދު އިބްރާޙިމް ވިދާޅުވީ، މިރޭ ދަންވަރު 12:15ގައި ހަނިމާދޫއިން ޓްރިވެންޑްރަމަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓް އެސަރަޙައްދުގެ މޫސުން އަދިވެސް ރަނގަޅު ނުވާތީ ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެ ފްލައިޓު ދެން ދަތުރުކުރާނީ މާދަމާރޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަންއިން ބުނީ ވައިގެ ދަތުރުތައް ކުރާއިރު އެންމެ ބޮޑު އިސްކަމެއްދެނީ ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި އެގޮތުން މޫސުން ގޯސްވެ ދަތުރު ނުކުރެވޭ ވަރުގެ އެއްވެސް އިޝާރާތެއްވެއްޖެނަމަ ދަތުރު ނުކުރުމަށް ނިންމާފައިވާކަމަށެވެ.