އެޑިޔުކޭޝަނަން މިނިސްޓްރީން މިހާރު ތަންފީޒު ކުރަމުންދާ އާ ކަރިކިޔުލަމަކީ ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާނެ ގޮތަށް އުނގަންނައިދިނުމުގެ ފުރުސަތު ފަހިކޮށްދޭ ކަރިކިޔުލަމެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ބިހޭވިއަރ ޗޭންޖް ކޮމިޔުނިކޭޝަން ސްޓްރެޓަޖީ އިފްތިތާހްކުރުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ބައިނަލްއަޤްވާމީގޮތުން މިއަދު ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅުވައިގެން ލޯންޗުކުރި ބިހޭވިއަރ ޗޭންޖް ކޮމިޔުނިކޭޝަން ސްޓްރެޓަޖީއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ބެހޭގޮތުން މުޖުތަމަޢު ހޭލުންތެރިކޮށް، އެފަދަ ފަރާތްތައް މުޖްތަމައުގައި ބާރުވެރި ބަޔަކަށްހެދުމަށް އެކުލަވާލި ސްޓްރެޓަޖީއެކެވެ.
މި ސްޓްރެޓަޖީ ރަސްމީކޮށް އިފްތިތާހްކޮށްދެއްވައި ވާހަކަދައްކަވަމުން އޭޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމް ސްކޫލްތަކުގައިފުޅާ ދާއިރާއެއްގައި ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ 3 ސަރަޙައްދެއްގައި އާރލީ އިންޓަވެންޝަން ސެންޓަރުތަށް ގާއިމްކޮށް ޚިދުމަތް ދޭންފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ޚާއްސަ އެހީ އަށް ބޭނުންވާ ޓީޗަރުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މަސައްކަތް ކުރާނެކަމަށާއި، މީގެ ތެރެއިން 97 ޕަސެންޓް ސުކޫލުގައި މަސައްކަތް ކުރާނީ ދިވެހިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2013 ވަނަ އަހަރާއި ހަމައަށް ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވިފައިވަނީ ޖުމްލަ 16 ސުކޫލެއްގަ. މި 16 ސުކޫލުގައި ޚިދުމަތް ދޭން ތަމްރީންވެފަ އޭރު ތިބީ 86 ޓީޗަރުން. މީގެ ތެރެއިން 51 ޓީޗަރުން މަސައްކަތް ކުރަމުން ދިޔައީ މާލޭގެ ސުކޫލުތަކުގައި. 2018 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ޚާއްސަ އެހީ އަށް ބޭނުންވާ ޓީޗަރުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މަސައްކަތް ކުރާނެ." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ބިހޭވިއަރ ޗޭންޖް ކޮމިޔުނިކޭޝަން ސްޓްރެޓަޖީއަކީ ކެއަރ ސޮސައިޓީއާއި، ޔުނިސެފްއާއި އަދި ނޭޝަނަލް އިންސްޓީޓީއުޓް އޮފް އެޑިއުކޭޝަން ގުޅިގެން އެކުލަވާލި ސްޓްރެޓެޖީއެކެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކެއަރ ސޮސައިޓީގެ އެސިސްޓެންޓް ޑައިރެކްޓަރ އައިޝަތު ސުފާނާ ވިދާޅުވީ މިސްޓްރެޓެޖީ އަމާޒުކޮށްފައިވަނީ އާންމު މުޖްތަމައުއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނާއި އަދި ސުކޫލްތަކަށްކަމަށެވެ. އަދި ތައްޔާރުކޮށްފައިވާ މެޓީރިއަލްސް ތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މެދު މުޖްތަމައު ދެކޭގޮތް ބަދަލުވެގެންދާނެކަމަށާއި އޭގެ ނަތީޖާއަކަށް ވެގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ސުކޫލް އުމުރުފުރާގެ އެއްވެސް ކުއްޖަކީ ސުކޫލަށް ނުދާ ކުއްޖަކަށް ނުވުންކަމަށް ސުފާނާ ވިދާޅުވިއެވެ.
ބިހޭވިއަރ ޗޭންޖް ކޮމިޔުނިކޭޝަން ސްޓްރެޓަޖީގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ބެހޭގޮތުން ހޭލުންތެރިކުރުމަށް ބޭނުންކުރުމަށް 4 އެނިމޭޓެޑް ވީޑިއޯ ކުލިޕްއާއި 2 ޕޯސްޓަރާއި އަދި ލީފްލެޓްވަނީ ނެރެފައެވެ.