ލިބޭ ކުޑަ އާމްދަނީއަކުން މިހާ ކުޑަ ގައުމަކަށް މިވަރުގެ ތަރައްޤީއެއް ގެނެސްދެއްވި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ "ރުމާލު 2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ކުންފުނިތަކުގެ ހިންގުމަށް ވެސް ވަރަށް ހަރުދަނާ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށާއި އެކަމުގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ މެދާއި ހަމައަށްދާއިރު ފެނަކަ ކޯޕަރޭޝަނުން ހިންގާ 90 އިންސައްތަ އިންޖީނުގެ ހުންނާނީ އާއިމާރާތްތަކުގައި ކަމަށެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ، ރާއްޖެއިން ޗައިނާއާއި ގުޅުން ބަދަހިކުރަމުންދާއިރު ރާއްޖެއަށް ތަރައްޤީ އަންނާނެކަން އެނގޭތީ އެކަމާއި ހަސަދަވެރިވާ ބަޔަކު އެބަތިބި ކަމަށެވެ. ނަމަވެސް ގުޅުން އުފައްދަން ޖެހޭ މީހުންނާއި ގުޅުން އުފައްދާ ގުޅުން ކަނޑަންޖެހޭ މީހުންނާ ގުޅުން ކަނޑާލާނެ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
ރާއްޖެއިން ޗައިނާއައި ގުޅުން ބަދަހި ކުރުމާގުޅޭ ގޮތުން ޖަލްސާގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޕީޕީއެމްގެ ސްޕޯކްސްޕާރސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެނީ މިޤައުމަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް ރާއްޖެއިން އެފަރާތަށްވެސް ކޮންމެވެސް ވަރެއްގެ ނަފާއެއް ލިބިދާނެކަމުގެ އުންމީދުގައި ކަމަށެވެ. މިވާހަތަކަށް ބާރުލިބޭ ގޮތަށް ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ރާއްޖެއިން ޗައިނާއާ ގާތްގުޅުން ބަދަހިކުރަމުންދަނީ އެޤައުމުންވެސް ރާއްޖޭއާއެކު ބާއްވާ ގާތްގުޅުމުގެ ސަބަބުން ކަމަށާއި އެގޮތުން ރާއްޖެއާ ގާތްގުޅުން ބާއްވާ ކޮންމެ ޤައުމަކާއެކުވެސް ރާއްޖެއިން ގުޅުން ބަދަހިކުރާނެ ކަމަށެވެ.
ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި އާންމު ރައްޔިތުން ބައިވެރިވިއެވެ.