ޚަބަރު

ކުންފުނިތަކުން މަސައްކަތްކުރަނީ ޚިދުމަތް ދިނުމަށް - ޝަހީރު


ސަރުކާރު ކުންފުނިތަކުން މަސައްކަތްކުރަނީ ފައިދާއަށް ވުރެ ބޮޑަށް އާންމު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ލުއި ފަސޭހަ އަގުތަކެއްގައި ފޯރުކޮށްދިނުމަށް ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވެއްޖެއެވެ. އެނާ މިހެން ވިދާޅުވީ ޕީއެސްއެމްގެ އުންމީދާއި ކުރިއެރުން ޕްރޮގްރާމުގައި  މިރޭ ވާހަކަ ދައްކަވަމުންނެވެ. ޝަހީރު ވިދާޅުވީ، ސަރުކާރު ޙިއްސާވާ ހުރިހާ ކުންފުނިތަކަކީ ސަރުކާރުގެ ޕޮލިސީއާ އެއްގޮތަށް ގިނަ މަޝްރޫޢުތަކެއް ހިންގާ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުނިތަކެއް ކަމަށެވެ. ހަމައެއާއެކު އެ ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ފައިދާ ހޯދާ ކުންފުނިތަކެއްކަން އޭނާ ފަހަގަކުރެއްވިއެވެ.

މީގެ އިތުރުން މިސަރުކާރުން ކުންފުނިތައް ހިންގުމަށްޓަކައި ބޮޑު ބަދަލުތަކެއް ގެންނެވި ކަމަށާއި އެގޮތުން ކުންފުނިތަކުގެ ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައި އެކުންފުނިތަކަށް އެކަށީގެންވާ ފަންނީ ބޭފުޅުން އައްޔަންކުރެއްވި ކަމަށް ޝަހީރު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ބައެއް ކުންފުނިތައް އޮތީ ވަރަށް ހާލުގައިކަން ފާހަގަކުރައްވާ ޝަހީރު ވިދާޅުވީ، އެސްޓިއޯއާއި އައިލެންޑް އޭވިއޭޝަން އަދި އެމްޓީސީސީ ފަދަ ކުންފުނިތައް އޮތީ އެކުންފުނިތައް ހިންގަން ބޭނުންވާ ފައިސާއާއި މަސައްކަތްކުރަން ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ނުހިންގޭ ފަދަ ހާލަތެއްގައި ކަމަށެވެ. ނަމަވެސް އަކަން ރަނގަޅުކޮށް މިކުންފުނިތައް ހިނގުމުގެ މަގު މިސަރުކާރުން ފަހިކޮށްދެއްވާ ފައިވާކަމަށް ޝަހީރު ވިދާޅުވިއެވެ.