ޚަބަރު

އުޑުމަތި ބަަނަކޮށް ފެނުނުނަމަވެސް މޫސުން ރަގަޅު


މިދުވަސްވަރު ރާއްޖޭ ހިމެނޭ ސަރަޙައްދުގެ އުޑުމަތި ބަނަވެފައިވަނީ އިރުވައި މޫސުމުގެ ސަބަބުން ޖައްވުގައި ވައި ނުސާފުވެފައިވާތީ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެވެސް އުޑުމަތި ބަނަކޮށް ފެނުނުނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަަށްވެސް އާއްމުކޮށް މޫސުން ރަގަޅުވާނެކަމަށެވެ. 

މެޓް އޮފީހުން ބުނީ މިއަދު ވ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކާ ހަމައަށް ކޮންމެވެސް ވަރަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އެހެންނަމަވެސް އެކަން ދެމިގެންދާނީ ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ. އަދި އެ ސަރަޙައްދުގެ މޫސުން މާދަމާގެ ވަގުތެއްގައި އެއްކޮށް ސާފުވެގެންދާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އާންމުކޮށް ދިވެހިން ގޮސް އުޅޭ ސަރަޙައްދުތަކަށް ބަލާލާއިރު، ސްރީ ލަންކާއާއި އިންޑިއާގެ ގިނަ ސަރަޙައްދުތަކަށްވެސް މިއަދުގެ މޫސުން ރަނގަޅެވެ.