ތުރުކީވިލާތުގައި އޮންނަ 6 ވަނަ ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތުގެ 2 ގޮތްޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއައަށް ލިބިއްޖެއެވެ.
މިއަހަރުގެ މެއި މަހުގެ 20 އިން 30 އަށް ތުރުކީ ވިލާތުގެ އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 6 ވަނަ ބައިނަލް އަޤްވާމީ ޤުރުޢާން މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވަނީ މުޅި ޤުރްއާން ތިލާވަތުކުރުމާއި ހިފްޒްގެ ބައިންނެވެ.
ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުން ބުނީ އެއިން ކޮންމެ ގޮތްޕެއްގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވަނީ އެންމެ ބައިވެރިއެއްކަމަށެވެ. އެ މަރުކަޒުން ބުނީ މި މުބާރާތުގައ ބައިވެރިވެވޭނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ފިރިހެނަކަށްކަމަށެވެ. އަދި އެފަރާތެއް ވާންޖެހޭނީ އިންޓަރނޭޝަނަލް މުބާރާތެއްގައި އެއްވަނަ ހޯދާފައި ނުވާ އިސްލާމީ ދުނިޔޭގައި ޤާރިއެއް ކަމުގައި ނުވާ މީހަކަށްކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށައަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ އަންނަ މާރޗް މަހުގެ 1 ވަނަ ދުވަހުއެވެ.
ފަހަކަށް އައިސް ރާއްޖެއަށް އަންނަނީ ބައިނަލް އަޤްވާމީ ޤުރުޢާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެމުންނެވެ. ދުނިޔޭގެ އެކި ސަރަޙައްދުގައި މިފަދަ މުބާރާތްތައް ބާއްވަމުން އަންނައިރު ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވުމަށް ކީރި ޤްރުއާނާ ބެހޭ މަރުކަޒުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލް އަޤްވާމީ ޤްރުޢާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާން މަހުގައެވެ.