ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ 70،000 އަށްވުރެ ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ މެކްސްކޮމް ކިޔާ ކުންފުންޏަކަށެވެ. އަދި އެ ކުންފުންޏާއިއެކު އެކަމުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ފަހުކޮޅު ސޮއިކޮށްފައިވާކަމަށް އެެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައި ލިބޭނެ ކަމަށާއި ނަމަވެސް ދަރިވަރުންނާއި ޓީޗަރުންނަށް ޓެބްލެޓްތައް ދެވޭނެކަމަށް ބެލެވެނީ ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމަށްފަހުކަމަށެވެ.
ގްރޭޑް އެކަކުން ގްރޭޑް ބާރައިގެ ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ގަތުމަށް 200 މިލިއަނާ ގާތްކުރާ އަދަދެއް ޚަރަދުވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ، ޓެބްލެޓްތައް ގެނެސްދޭ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓް ފައިނޭންސް އުސޫލުގެ ތެރެއިން އެކި މަސް މަހަށް ބަހާލައިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ޓެބްލެޓްތައް ގެނައުމުގެ ކުރިން މިހާރު ކުރިއަށްދަނީ ދިރާގާއެކު ސްކޫލުތަކަށް ވައިފައި ދިނުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކަމަށް ޝަފީޢު ވިދާޅުވިއެވެ. އެގޮތުން ދިރާގާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން އެ ކުންފުންޏަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ ދެ އަހަރު ދުވަހަށް ބަހާލައިގެން ކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.
ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފައިވާއިރު، ސްކޫލުތަކުގެ ޓީޗަރުން ޑިޖިޓަލައިޒްކޮށް ކިޔަވާދިނުމަށް ބޭނުންވާ ތަމުރީނުތައް ދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް މިއަހަރުގެ ބަޖެޓްގައި ވަނީ 138 މިލިއަން ރުފިޔާ ހިމަނާފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ 64000 ދަރިވަރުންނާއި 7400 ޓީޗަރުންނަށް ޓެބްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 212 ސްކޫލެއް އެއް ނެޓްވޯކަކުން ގުޅާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.