ރައްޔިތުންނަށްދޭ ޚިދުމަތަކީ އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުމަށް ފުލުހުންގެ ހިންގުމުގެ އޮނިގަނޑު ބަދަލުކޮށް އާ އޮނިގަނޑަށް އަމަލު ކުރަން ފަށައިފިއެވެ. ފުލުހުންގެ ހިންގުމުގެ ނިޒާމް ހަރުދާނާ ކުރުމަށް އަލަށް އެކުލަވާލި އޮނިގަނޑާއެކު، މީގެ ކުރިން 13 ޑައިރެކްޓްރޭޓްގެ ގޮތުގައި ހިންގަމުންއައި ފުލުހުންގެ މުއައްސަސާ ވަނީ ފަސް ބަޔަކަށް ބަހާލާފައެވެ. އެއާއެކު އެތަންތަނުގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގަމުންދާ ގޮތައް ވަނީ ކަނޑައަޅާފައެވެ.
އަލަށް އެކުލަވާލި ފުލުހުންގެ ހިންގުމުގެ އޮނިގަނޑާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ، މި ބަދަލާއެކު، ފުލުހުންގެ މުޢައްސަސާއިން ޤާނޫނީ ގޮތުން ދެމުންދާ ޚިދުމަތްތައް ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން ދިނުމަށްޓަކައި ހުރިހާ ބާރުތަކެއް އެއް ދިމާއަކަށް ގެނެވިފައިވާ ކަމަށެވެ. އެއާއެކު ފުލުހުންގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދެމުންދާ ޚިދުމަތްތައް އެތައް ތަނެއް ފުޅާވެ އަވަސް ވެގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
"އޭގެ މާނައަކީ، އޮޕަރޭޝަންސްތައް ރާވާ ހިންގުމާއި، އޮޕަރޭޝަނަލް ހުރިހާ މަސައްކަތްތަކަކާއި، ތަޙުގީގުކުރުމާ އަދި އޮޕަރޭޝަންސްތަކަށް ދޭންޖެހޭ ސަޕޯޓް ދިނުމާއި، ފުލުހުންގެ މި ބޮޑު މުޢައްސަސާގައި ހުރި ވަސީލަތްތައް ޤާއިމުކުރުމަށް ވަކި ޚާއްސަ ދިމާއެއް ކަނޑައެޅުމާ ވަކިން ޚާއްސަކޮށް ތައުލީމާއި ތަމްރީނަކީ ފުލުހުންގެ ތެރޭގައި އަބަދުވެސް ކުރިއަރަމުން އަންނަ ބަޔަކަށްވާތީ މި ހުރިހާ ބަދަލުތަކަކީ ބޮޑު ބަދަލެއް ގޮތުގައި މިބަލަނީ." ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، ރައްޔިތުންނަށްދޭ ޚިދުމަތަކީ އެކަމަށް ޤާބިލު ފުލުހަކު ދޭ ޚިދުމަތަކަށް ހެދުމަށްޓަކައި ފުލުހުންގެ އިންޓާރނަލް ގަވަނިންގ ނިޒާމުގެ ތެރެއަށް ކޮމްޕްރިހެންސިވް ފްރޭމްވޯކުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ފުލުހުންނަކީ ކުރިއަރާ ތަމްރީނުވެފައިވާ ބައެއްގެ ގޮތުގައި ހެދުމަށްކުރާ މަސައްކަތުގެ ތެރެއިން ފުލުހުންނަކީ ޤާބިލު ބައެއްގެ ގޮތުގައި ކަނޑައަޅާ އޮނިގަނޑެއް މި ނިޒާމުގެ ތެރެއިން އެކުލަވާލެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮންމެ ލޭޔަރއެއްގެވެސް ކޮންމެ ރޭންކެއްގެވެސް އަދި ކޮންމެ ޑެޒިގްނޭޝަނެއްގައި މަސައްކަތްކުރާ ފުލުހަކީ ޤާބިލުކަމެއް ހުންނަ ވަކި ޚާއްސަ މަސައްކަތްތަކެއް އޭނަ އެކުރާ މަސައްކަތެއްގެ ބާވަތުން އެނގެންޖެހޭނެ މީހަކަށްވުން. އެހެންކަމުން މި ނިޒާމަކީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެކަށައެޅިފަ ހުންނަ ކަންކަން ކޮންމެ މުވައްޒަފަކަށްވެސް އެކަން ކަމަކީ ރިވާޑް ނުވަތަ އެވޯޑަށް ބެލިކަމުގައިވީ ނަމަވެސް އެނގިގެން މުއައްސަސާއިން އަމަލުކުރެވޭނެ އުސޫލުތައް ޤާއިމުކުރުން." ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވިއެވެ.
ފުލުހުންގެ ހިންގުމުގެ ނިޒާމް ހަރުދާނާ ކުރުމަށް ގެނައި ބަދަލާއެކު އުފައްދާފައިވާ ފަސް ބަޔަކީ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ސްޕެޝަލިސްޓް ސަޕޯރޓާއި ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ އޮޕަރޭޝަންސްއާއި ރިސޯސް މެނޭޖްމަންޓް އަދި ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް އެވެ. މިއީ ފުލުހުންގެ މުޢައްސަސާ އުފެދުނު ފަހުން އެމުޢައްސަސާގެ ހިންގުމަށް މިހާތަނަށް ގެނައި އެންމެ ބޮޑު ބަދަލެވެ.