ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި މޫދު ކުޅިވަރު ކުރިއެރުވުމުގަ ހަރަކާތްތެރިވާ ގިނަ ފަރާތްތައް ޝާމިލްކޮށްގެން ބޭއްވި ރާޅުގުޑި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ވިލިމާލެއާ މާފުށީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ފަންސާހަށްވުރެ ގިނަ ބައިވެރިންވަނީ ބައިވެރިވެ އެފަރާތްތަކުގެ ހުނަރު ދައްކާލާފައެވެ. މާފުށީ ވޯޓާރ ސްޕޯޓްސްއާއި ޕަބްލިކް ސާވިސް މީޑިއާގެ މޯލްޑިވްސް ޓީވީ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ފަށާފައިވަނީ މިއަދުގެ މެންދުރުފަހު ވިލިމާލެއިންނެވެ. އެގޮތުން ވިލިމާލެއިން ފުރައިގެން ރާޅުގުޑީގެ ބައިވެރިންވަނީ މާފުއްޓަށް ކަނޑުމަގުން ގޮސްފައެވެ.
މި ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބްކުރައްވާ ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މި ހަރަކާތަކީ މިފަދަ ގޮތަކަށް ރާޅުގުޑި ދުއްވާ ގިނަ އަދަދެއްގެ ބައިވެރިންނާއިއެކު ބޭއްވި ކާމިޔާބު ފުރަތަމަ ހަރަކާތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އެހެން ހަރަކާތެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ނުވަތަ ކޮންމެ ރަށެއްގައި ބޭއްވި ނަމަވެސް ސަރުކާރާއި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މި ހަރަކާތުގައި ރާއްޖޭގެ ރިސޯޓުތަކާއި އެކި ރަށްރަށުން ގިނަ ޒުވާނުން ބައިވެރިވެފައިވާތީ އެކަން ފާހަގަކުރައްވާ ކުރިއަށް އޮތް ތަނުގައި ވީހާވެސް ގިނަ ކުޅިވަރުތަކުން ޒުވާނުން ކުރިއަށްދިއުމަށް ގޮވާލައްވާފައެވެ.
ރާޅުގުޑީގެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ނަސީބުވެރި ފަރާތެއްގައި ހޮވުނު އަބްދުﷲ ޝަރީފަށް ވަނީ މިއަހަރު ބާޒާރަށް ނެރެފައިވާ އަސޭލަމް ބޯޑެއް (ރާޅާއަޅާ ބޯޑެއް) ދީފައެވެ. މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް މެޑަލްއާއި ހަދާނީ ލިޔުން ދިނެވެ.