އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން، އައިޓީއެފް ސާދަ އަހަރުން ދަށުގެ މުބާރާތުގެ ސިންގަލްސް ބައެއް މެޗުތައް ދިވެހި ކުޅުންތެރިން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުގައި އަންހެން ސިންގަލްސް ބައިގައި ރާއްޖޭގެ ކުޅުންތެރިޔާ ސާރާ ވަނީ ދެ ސެޓުން މަކާއޯގެ ކުޅުންތެރިޔާއާ ވާދަކޮށް މޮޅުވެފައެވެ. އަންހެން ސިންގަލްސް ބައިގައި ލާޔާން މުހަންމަދު ޝާމިން ވަނީ ބަނގްލަދޭޝްގެ ކުޅުންތެރިޔާއާ ވާދަކޮށް ތިން ސެޓުން މޮޅުވެފައެވެ. ފިރިހެން ސިންގަލްސް ބައިގަ ރާއްޖެ ރައްޔާން ވަނީ ލާއޯސްގެ ކުޅުންތެރިޔަކާ ވާދަކޮށް ކުރި ހޯދާފައެވެ. އަދި މިބައިގަ ރައުދާކް ވަނީ މަކާއޯގެ ކުޅުންތެރިއެއްގެ މައްޗަށް ކުރިހޯދާފައެވެ.
މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގައި ރާއްޖެ ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. މުބާރާތުގެ ދެވަނަ ބުރުގައި ރާއްޖޭގެ ރައްޔާން އައިޓީއެފްގެ ފުރަތަމަ މުބާރާތުގެ ޗެންޕިއަން ސީރިޔާގެ ކުޅުންތެރިޔާ ވާދަކޮށް ވަނީ ބަލިވެފައެވެ. ދެވަނަ ބުރުގައި ރާއްޖެއިން ވާދަކުރި ދެވަނަ ކުޅުންތެރިޔާ ރައުދާކްވެސް ވަނީ މުބާރާތުގައި އަށްވަނަ އަށް ސީޑްކުރި ކިރްގިސްތާންގެ ކުޅުންތެރިޔަކާ ވާދަކޮށް ބަލިވެފައެވެ.
މިމުބާރާތަކީ އޭޝިޔަން ޓެނިސް ފެޑެރޭޝަނުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މުމުބާރާތުގައި ރާއްޖެއިން ވާދަކުރަމުންދަނީ ދެވަނަ ޑިވިޝަންގައެވެ. މުބާރާތުގައި ރަނގަޅު ނަތީޖާ ހޯދާ ގައުމުތައް އެއްވަނަ ޑިވިޝަނަށް ކޮލިފައިވާނެއެވެ. އަދި ވަކި ވަކި ކުޅުންތެރިން އިންޓަރނޭޝަނަލް ޓެނިސް ފެޑަރޭޝަންގެ ފަރާތުން އާންމުކުރާ ސާދަ އަހަރުން ދަށުގެ ރޭންކިން ލިސްޓުގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.