ރެޑްލައިން ސިޓީ ބަލިކޮށް، ޤައުމީ ނެޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ރެޑްލައިން ކުލަބު ޖާގަ ހޯދައިފިއެވެ.
ގުރޫޕް ބީގައި ރެޑްލައިން ސިޓީގެ މައްޗަށް ރެޑްލައިން ކްލަބް ކުރި ހޯދީ 55 ޕޮއިންޓް 36 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ދެކުއާޓަރގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ނަތީޖާ ފަރަގު ބޮޑުވެގެންދިޔައީ ފަހު ދެކުއާޓަރގައެވެ. މި މޮޅާއެކު ރެޑްލައިން ކުލަބް ވަނީ ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރު ކޮށްފައެވެ.
މުބާރާތުގެ ސެމީފައިނަލުގެ ޖާގަ މިހާތަނަށް ކަށަވަރުވީ ރެޑްލައިން ކްލަބްގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކުލަބަށެވެ. މެޗަށްފަހު ވާހަކަދައްކަމުން ރެޑްލައިން ކުލަބްގެ ކޯޗު އައިޝަތު ރީމާ ބުނީ މުބާރާތުގެ ސެމީއަށް ދިއުމުން ހިތްހަމަޖެހިއްޖެ ކަމަށާއި އުންމީދަކީ މުބާރާތުގެ ފައިނަލަށް ދިއުންކަމަށެވެ. އަދި ކުރިއަށްހުރި މެޗުތަކުގައި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ފެންނާނެކަމަށެވެ. ރެޑްލައިން ސިޓީ ކޯޗު ފާތުމަތު ނައުފާ ބުނީ ތިންވަނަ ކުއާޓަރއާ ހަމައަށްދިޔައީ ވަރަށް އެއްވަރުކޮށް ކަމަށާއި، ތިންވަނަ ކުއަޓަރގައި ކުޅުން މާބޮޑަށް ދަށްވުމުން މެޗު ގެއްލުނީކަމަށެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިޔަންސާ ސްޕޯޓްސް ކުލަބާއި ކުލަބް މެޓްރިކްސްއެވެ. މުބާރާތް ކުރިޔަށްދާނީ މިމަހުގެ ބާވީހުގެ ނިޔަލަށެވެ.