ކުޅިވަރު

ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ޓީސީގެ ލިސްޓްގައި ކޯޗަކަށް ޖަޑާ!


ކޯޗު މުހައްމަދު ނިޒާމް އަތުގައި އޭ ލައިސަންސް ނެތުމުން، އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރުމަށް ޓީސީގެ ހެޑް ކޯޗެއްގެ ގޮތުގައި އިބްރާހީމް ހަލީމްގެ ނަން ލިސްޓްގައި ޖަހައިފިއެވެ.

 އޭއެފްސީ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ޓީމްގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރެވެނީ އެންމެ ދަށްވެގެން އޭއެފްސީ އޭ ލައިސަންސް އޮތް ކޯޗުންނަށެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް އަތުގައި މިވަގުތު އޮތީ ޔޫއެފްއާ ބީ ލައިސަންސެވެ. އޭއެފްސީކަޕްގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ޓީސީ ސްޕޯރޓްސް ކުލަބްގެ ހެޑް ކޯޗެއްގެ ގޮތުގައި ލިސްޓްގައި ޖަހާފައިވާ އިބްރާހީމް ހަލީމް، ޖަޑާ އަކީ ޤައުމީ އަންހެން ޓީމާއި، ޖޫނިއަރ ގައުމީ ޓީމްތަކާއި، އަތޮޅު ތެރޭގެ ބައެއް ޓީމްތަކަށްވެސް އިރުޝާދުދެމުން އަންނަ ކޯޗެކެވެ. އޭނާ އަތުގައި އޭއެފްސީ އޭލައިސަން އޮވެއެވެ. 

މިދިޔަ ތިން އަހަރުވެސް ޓީސީ ރަނގަޅު ނަތީޖާތަކެއް ހޯދާ ފައިނަލްތަކުގައި ވާދަކުރީ ކޯޗު މުޙައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުންނެވެ. ލިސްޓްގައި އިބްރާހީމް ހަލީމްގެ ނަތް އޮތް ނަމަވެސް ޕްރިލިމިނަރީ ބުރުގައިވެސް ޓީސީ ޓީމް ބައްޓަންކޮށް އިރުޝާދުދޭނީ ނިޒާމެވެ.

ޓީސީގެ އިތުރުން މިދިޔަ އަހަރު ކުލަބް ވެލެންސިޔާއިންވެސް ވަނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރި އިރު އަހުމަދު މުޖުތަބާގެ ނަން ލިސްޓްގައި ޖަހާފައެވެ. ނަމަވެސް ޓީމްގެ ހެޑް ކޯޗެއްގެ ގޮތުގައި ޓީމް ތައްޔާރުކޮށް އިރުޝާދުދިނީ އިސްމާޢީލް އާސިފް (ކުޑަ ހީނާ)އެވެ.

މިދިޔަ އަހަރު ހުރިހާ މުބާރާތެއްގެ ފައިނަލްގައި ކުޅެފައިވާ ޓީސީ ސްޕޯރޓްސް ކުލަބުން އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަނގްލަދޭޝްގެ ސައިފް ސްޕޯރޓްސް ކުލަބާއި ވާދަކުރުމަށް ތައްޔާރުވަމުންދާއިރު، ސައިފް ސްޕޯރޓްސް ކުލަބުންވެސް އެޓީމް އިތުރަށް ވަރުގަދަ ކުރުމަށް ބިދޭސީ ކުޅުންތެރިން ގެނެސް ޓީމް ވަނީ ވަރުގަދަކޮށްފައެވެ.