ޚަބަރު

"ދަރިވަރުންގެ ސަލާމާތާއި ގުޅޭގޮތުން ކަންބޮޑުވާންޖެހޭ ނެތް"


ތާޖުއްދީން ސްކޫލް ދަރިވަރަކަށް ދިން ހަމަލާއާއި ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ދިން ހަމަލާއާ، އެއްވެސް ގުޅުމެއް ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ. ފުލުހުން ބުނީ މި މައްސަލާގައި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.މި ދެ ހަމަލާގަ ޒަޚަމްވި ދެ ކުދިން ފަރުވާއަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. 



މި ދެހަމަލާއާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތު އާއްމު ކުރައްވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މި ދެ ހާދިސާގެ ސަބަބުން ސްކޫލްތަކުގައި އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭކަމެއް ފާހަގަ ކުރެވިފައިނުވާކަމަށެވެ. ޝިފާން ވިދާޅުވީ ތާޖުއްދީން ސްކޫލު ކުއްޖަށް ބަޔަކު ހަމަލާދީފައިވަނީ އެ ސްކޫލް ކުދިންގެ މެދުގައި ހިނގާދިޔަ ކަމެއްގެ ސަބަބުންކަމަށާއި އެ މައްސަލައިގެ ތަހުޤީގަށް ދެކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ހަމަލާދިނީ މުޅިން އެހެން މައްސަލައެއްގައިކަން ތަހުޤީގަށް އެނގިފައިވާކަން ޝިފާން ފާހަގަކުރެއްވިއެވެ.

"މި މައްސަލައިގައި 2 ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށައްގެނެސް 14 އަހަރުގެ ކުއްޖާ މިހާރުވަނީ އާއިލާއާ ހަވާލުކޮށްފަ. ހައްޔަރު ކުރި 15 އަހަރުގެ ކުއްޖާ 10 ދުވަހުގެ މުއްދަތެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާނީ. އެޑިއުކޭޝަންއާއި ފުލުހުން ގުޅިގެން މިފަދަ ކަންކަން ހައްލު ކުރެވޭނެ ނިޒާމެއް ޤާއިމްކޮށް، ސްކޫލްތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާނެ. މި މައްސަލައަކީ ސްކޫލް މާހައުލުގައި ޤާއިމްކުރެވިފައިވާ ވަސީލަތްތަކުގެ މައްސަލައެއް ނޫން" ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވިއެވެ.



ޝިފާން ވިދާޅުވީ ޕްރީ ސްކޫލް ހިމެނޭ ގޮތަށް މާލޭގެ ހުރިހާ ސްކޫލް ހިމެނޭ ސަރަޙައްދު ފުލުހުން ބަލަހައްޓާނެކަމަށެވެ. އަދި ގިނަ ދަރިވަރުން ތަޢުލީމް ޙާސިލް ކުރާ ސުކޫލްތަކާއި ބޮޑެތި ދަރިވަރުން ތަޢުލީމް ހާސިލްކުރާ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކަށް އިތުރު ފުލުހުން ނެރެގެން ބަލަހައްޓާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންގާރަދުވަހާއި ބުދަދުވަހު ހިނގި މި ދެ ހާދިސާ ގުޅުވައިގެން ބައެއް ފަރާތްތަކުން ދޮގު މަޢުލޫމާތު ޝޯޝަލް މީޑިއާގައި ފަތުރަމުންދާކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވީ ދަރިވަރުންގެ ސަލާމާތާއި ރައްކާތެރިކަން ޤާއިމްކުރުމަށް ގިނަ މަސައްކަތް ކުރަމުން ދާކަމަށެވެ. އެގޮތުން ދަރިވަރުން ނޫން މީހުން ސްކޫލްތަކަށް ވަނުމުގައި ޚާއްޞަ ފާހެއް ބޭނުންކުރަންޖެހޭ ގޮތަށް ކަނޑައަޅާ އެކަން ތަންފީޒުކުރަން ވަނީ ފަށާފައެވެ.

"ސްކޫލްތަކަށް ބޭރު މީހުން ވަނުމުގައި ރައްކާތެރި ގޮތެއް ހޯދައިފިން. ސްކޫލަށް ވަނުމުގައި ކާޑެއް ދެކުމަށްފަހު ވަނުމަށް ވާނީ ކަނޑައަޅާފަ. ސްކޫލް ތެރޭގައި ސިސްޓަމްތަކެއް އެބަހުރި. މިހާރު ސްކޫލްތަކާއެކު މަސައްކަތް ކުރާ އެކިއެކި ޕްރޮޓްކޯލްސްގެ ތެރެއިން ކުއްޖަކަށް ގެއްލުންވާފަދަ ކަމެއް ވެއްޖެނަމަ އެއަށް ރެސްޕޯންޑް ކުރެވޭ ގޮތަށް އޮންނަނީ" އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް  ވިދާޅުވިއެވެ.



ސްކޫލްތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އަންނަ ހަފްތާއިން ފެށިގެން ސްކޫލްތަކަށް ދަރިވަރު ބަލާ ދާންޖެހޭނީ ބެލެނިވެރިޔާއަކީ އެ ދަރިވަރުގެ ބެލެނިވެރިޔާކަން ޔަގީން ކުރުމަށް ސްކޫލުން ދީފައިވާ ކާޑު ހިފައިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.