ދުނިޔެ

އިންޑިޔާގައި ސިޔާސީ ޕާޓީތަކުން ކޭންޕޭން ހަރަކާތްތައް ހުއްޓާލައިފި


 
އިންޑިޔާގައި ކުރިޔަށްދާ އާންމު އިންތިޚާބުގެ އެންމެ ފަހު މަރްޙަލާގައި ވޯޓުލުމަށް ދެދުވަހަށް ވެފައިވަނިކޮށް އެގައުމުގެ ސިޔާސީ ޕާޓީތަކުން ކޭންޕޭން ހަރަކާތްތައް ހުއްޓާލައިފިއެވެ.


 
ކޭންޕޭން ހުއްޓާލުމުގެ ގޮތުން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ރާހޫލް ގާންދީ އިއްޔެވަނީ އުއްތުރާ ޕްރަދޭޝްގެ ބަނާރިސްގެ މަގުތަކުގައި މަތިނެތްކާރެއްގައި ކޭންޕޭން ބުރެއް ޖައްސަވައި އޭނާއަށް ތާއީދުކުރާ އެތަށް ލައްކަ ބަޔަކާ ބައްދަލުކުރައްވާފައެވެ.


 
ކޭންޕޭން ހުއްޓާލުމުގެ ގޮތުން ބީޖޭޕީގެ ކެންޑިޑޭޓް ނަރަންދްރަ މޮޑީވެސް ވަނީ ބަނާރިސްގެ ކައިރީގައިވާ ރޮބަޓްސްގާންޖް އަވަށުގައި އިއްޔެ ބޭއްވި އެއްވުމެއްގައި ބީޖޭޕީގެ ސަޕޯޓަރުންނާ މުޚާބަތު ކުރައްވައި ވާހަކަ ދައްކަވާފައެވެ.


 
މޮޑީ ވަނީ މިހާތަނަށް އިންތިޚާބުތައް ބޭއްވި ސްޓޭޓްތަކުގެ އިންތިޚާބުތައް އޭނާއަށް ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިދިޔަ މަހުގެ ކުރީކޮޅު ފެށުނު މިއިންތިޚާބުގެ ވޯޓުގުނުން ފެށޭނީ މިމަހުގެ ސޯޅަވަނަ ދުވަހުގައި ކަމަށް އިންޑިޔާގެ އިލެކްޝަން ކޮމިޝަނުން ބުނެއެވެ.


 
 


އިންޑިޔާގެ އާންމު އިންތިޚާބުގައި އެންމެ ގިނަ ވޯޓުލިބުމުގެ ފުރްސަތު ބީޖޭޕީ އަށް ބޮޑުނަމަވެސް ޕާލަމެންޓްގެ ދެބައިކުޅަ އެއްބައި ގޮނޑިއާ ކައިރި ކުރާ މިންވަރަށްވެސް އެޕާޓީއަށް ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފައެވެ.