ޚަބަރު

ވިލާގެ މައްސަލާގައި ސަރުކާރުން ޤާނޫނާ ޚިލާފެއް ނުވޭ- މިނިސްޓްރީ


ވިލާ ޝިޕިންގ އެންޑް ޓްރޭޑާއި އެކުންފުންޏާ ގުޅުންހުރި ކުންފުނިތަކުން ހިންގަމުންދާ ރިސޯޓްތަކާމެދު ޤާނޫނާ ޚިލާފަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާކަމަށް މީޑިއާގެ ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ ވާހަކަތައް ޓޫރިޒަމް މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިކަމާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބަނގުރާ އެތެރެކުރުމާއި ވިއްކުމުގައި އަމަލުކުރަންޖެހޭ އުސޫލްތައް ޤަވާއިދެއްގައި ބަޔާންކޮށްފައިވާއިރު، ވިލާ ޝިޕިންގ އެންޑް ޓްރޭޑާއި އެކުންފުންޏާއި ގުޅުންހުރި ކުންފުނިތަކުން ހިންގާ ބައެއް ރިސޯޓްތަކުން އެ ޤަވާއިދުގެ އެކި މާއްދާތަކާ ޚިލާފްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެމިނިސްޓްރީއަށް އަންގާފައިވާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ވިލާ ޝިޕިންގ އެންޑް ޓްރޭޑާއި އެކުންފުންޏާއި ގުޅުންހުރި ކުންފުނިތަކަށް ދޫކުރެވުނު ބައެއް ރަށްތަކާއި ފަޅުތަކާއި ގުޅިގެން އެފަރާތްތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ކަމާއިބެހޭ ކޯޓުތަކަށް މި މައްސަލަތައް ހުށަހަޅާފައިކަމަށެވެ. އަދި ވިލާގެ ކުންފުނިތަކާ ގުޅުންހުރި ކުންފުނިތަކުން މިހާރުވެސް ހިންގަމުންދާ ބައެއް ރިސޯޓްތަކުން ވޭތުވެދިޔަ މަސްތަކުގައި ދައްކަންޖެހޭ ގްރީން ޓެކްސް އާއި ޖީއެސްޓީ ދައްކާފައިނުވާތީ، އެފައިސާ ދެއްކުމަށްވެސް ޓޫރިޒަމް މިނިސްޓްރީން އެކުންފުނިތަކަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި ރިސޯޓް ހިންގުމަކީ އެފަރާތްތަކާއެކު މިނިސްޓްރީން ވެފައިވާ އެއްބަސްވުންތަކާއި ޓޫރިޒަމް ޤާނޫނާއި އަދި ޓެކްސް ޤާނޫނުތަކާއި ޚިލާފްކަމެކެވެ. އަދި ދައުލަތުގެ ބަޖެޓަށް ލިބެންޖެހޭ މި ފައިސާ ނުލިބުމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގަޔާއި ދައުލަތުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރެއެވެ.

މީގެ އިތުރުން، ރިސޯޓްގެ ކުއްޔާއި ޓެކްސްތައް ނުދައްކައި ޓޫރިޒަމް ސިނާއަތުގައި ހިންގާ އެހެން ރިސޯޓްތަކާއި ޚިލާފަށް ނުއަގުގައި ރިސޯޓްގެ އެނދުތައް ވިއްކުމުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އެކަމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރުކުރާކަމުގެ ކަންބޮޑުވުމާއި އެކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅިފަވާކަމަށް އެމިނިސްޓްރީން ފާހަގަކުރެއެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ހިތްހަމަޖެހުމަކީ ދިމާވާ ހުރިހާ ހާލަތްތަކެއްގައިވެސް ޓޫރިޒަމް މިނިސްޓްރީން ވަރަށް ހާއްސަގޮތެއްގައި އިސްކަމެއްދޭކަމަކަށްވާތީ، މިކަމާއި ބެހޭގޮތުން ރިސޯޓްތައް ހިއްސާވާ ޖަމްޢިއްޔާ ކަމަށްވާ މަޓީ އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކާއެކު މަޝްވަރާކޮށް މިކަމަށް ހޯދިދާނެ ހައްލަކާއި ބެހޭގޮތުން ވާހަކަ ދެކެވެމުންދާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.