ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ކަޕްގެ މެޗުތައް ޝަރަފްވެރިކޮށްދެވުމަށްޓަކައި ބައިވެރިވާނެ ބޭފުޅުން ކަނޑައެޅުމަށް އެފްއޭއެމް އިން ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އެފްއޭއެމް ހައުސްގައި އޮތް ޕްރެސްއެއްގައި ވާހަކަ ދައްކަވަމުން ގައުމީ ޓީމްގެ މެނޭޖަރ އަހްމަދު މަހްލޫފް ވިދާޅުވީ މި ކޮމިޓީ އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ ފުޓުބޯޅައިގެ މިވަރުގެ ބޮޑު އީދެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހިއްސާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮތުންކަމަށެވެ. އަދި ޗެލެންޖް ކަޕްގެ މެޗުތަކުގެ ޝަރަފްވެރި މެހުމާނުންގެ ގޮތުގައި ރާއްޖޭގެ ފުޓުބޯޅައަށް ހިދުމަތްކޮށްދީފައިވާ ބޭފުޅުންނާއި، މިހާރުގެ ސަރުކާރުގެ އިސްވެރިންގެ އިތުރުން ކުރީގެ ސަރުކާރުތަކުގެ އިސްވެރިން ހިމެނޭނެކަމަށް މަޚްލޫފް ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ކަޕްގެ މެޗުތައް ޝަރަފްވެރިކޮށްދެވުމަށްޓަކައި ބައިވެރިވާނެ ބޭފުޅުން ކަނޑައެޅުމަށް އެފްއޭއެމްއިން އެކުލަވާލި ކޮމިޓީގައި ހިމެނެނީ ޑިރެކްޓަރ އޮފް ނެޝަނަލް ޓީމްސް އަލީ ސުޒޭނާއި، އެފްއޭއެމްގެ ދެ ޑެޕިއުޓީ ޖެނެރަލް ސެކެޓްރީން ކަމަށްވާ އިސްމާއިލް އިޒްހާނާއި މުހައްމަދު ނާސިރުގެ އިތުރުން ގާއުމީ ޓީމްގެ މެނޭޖަރ އަހްމަދު މަހްލޫފް އަދި އެފްއޭއެމްގެ ހެޑް އޮފް ގްރާސް ރޫޓް އެންޑް ވައިޑީޕީ މުހައްމަދު ޝާޒްލީއެވެ.