ޚަބަރު

ފެނަކައިގެ ތަމްރީންތައް ވާރޗުއަލްކޮށް ގެންދަން ތައްޔާރު ވަނީ


ފެނަކަ ކޯޕަރޭޝަންގެ ސްޓޭޝަން މެނޭޖަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީންތައް ވާރޗުއަލްކޮށް ކުރިއަށް ގެންދަން ރާވާފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ސްޓޭޝަން މެނޭޖަރުންނަށް އަމާޒުކޮށްގެން ފެށި އިންޖިނިއަރިންގ މެނޭޖްމެންޓު ކޯހުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ގިނަ ބައިވެރިންތަކެއް ބައިވެރިވާ މިފަދަ ތަމްރީންތައް ވަރަށް އަވަހަށް ވާރޗުއަލް ކޮށް ކުރިއަށް ގެންދާނެކަމަށެވެ. އެގޮތުން އެއް ވަގުތެއްގައި ރާއްޖޭގެ ސޯޅަ ސަރަޙައްދުގައި ނުވަތަ އެއަށްވުރެ ގިނަ ސަރަޙައްދުތަކުގައި ވާރޗުއަލްކޮށް ތަމްރީން ޕްރޮގްރާމްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

"ސަބަބަކީ ހުރިހާ ބްރާންޗްތަކުން އެކަކު ނުވަތަ ދެމީހަކު ނަގައިގެން މާލެ ގެނެސްގެން ޓްރެއިނިންއެއް ހިންގަންވެއްޖެއްޔާ އޮޕަރޭޝަންސްތަކަށް ބުރޫއަރާ، އެހެންވީމަ ދެން އަޅުގަނޑުމެން މިފަދަ ޓްރެއިނިންތައް ހިންގާނީ ވާޗުއަލްކޮށް، އޭރުން ހުރިހާ ސަރަޙައްދުތަކެއް އެއްފަހަރާ ކޯސްތައް ކުރިއަށްގެންދެވި ވަގުތާއި ރައްޔިތުންނަށް ދެމުންދާ ޚިދުމަތް އަވަސްވާނެ." އަޙުމަދު ޝަރީފް ވިދާޅުވިއެވެ.



މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ފެނަކައިގެ އެކި ބްރާންޗްތަކަށް އަމާޒުކޮށްގެން ގިނަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދަން ނިންމާފައިވެއެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމްތަކާއި މަސައްކަތު ބައްދަލުވުންތައް ބާއްވަނީ ކޮންމެ މަހަކުވެސް ވަކި ސަރަޙައްދަކަށް ޚާއްޞަ ކޮށްގެން ކަމަށް ފެނައިން ބުނެއެވެ. އެގޮތުން އެންމެ އަވަހަށް ވަރޗުއަލް ކޮށް ފެށުމަށް ތައްޔާރުވަމުން އަންނަ ތަމްރީން ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ އެންޖީން މެއިންޓެނަންސް ކުރުމާގުޅޭ ގޮތުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

"ކޮންމެ ޓްރެއިނިންގ ޕްރޮގްރާމަކީ ފަހަރެއްގައި ބޭރުގެ ފެސިލިޓޭޓަރުންގެ އެހީއާއެކު ގެންދެވޭ ޓްރެއިނިން އަކަށް ނުވެދާނެ، އެހެންނަމަވެސް އަޅުގަނޑުމެން އިން ހައުސްގަ އަޅުގަނޑުމެން ރާއްޖޭގެ ބައެއް އިންސްޓިޓިއުޝަންތައް ބޭނުންކޮށްގެން އަޅުގަނޑުމެން ހިންގާ ބައެއް ޓްރެއިނިންތަކަކަށް ވުން." ފެނަކަ އެމްޑީ އަޙުމަދު ޝަރީފް ވިދާޅުވިއެވެ.



ފެނަކަ ކޯޕަރޭޝަނުން އަންނަނީ އެކުންފުނީގެ ސްޓޭޝަން މެނޭޖަރުންނާއި އިންޖިނިއަރުން އަދި އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުމަށް ތަފާތު ކޯސްތަކާއި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ވަނީ ސްޓޭޝަން މެނޭޖަރުންނަށް ޚާއްޞަކޮށްގެން ޕަވަރ ހައުސް މެނޭޖްކުރުމާއި އެކަމާގުޅޭ ހުނަރުތައް ދަސްކޮށްދީ އެކަމަށް ފަރިތަކުރުމުގެ ތަމްރީންތައް ކުރިއަށްގެންގޮސްފައެވެ.